English Edition
Dhivehi Edition
ފިނޭންސް މިނިސްޓްރީ - ފޮޓޯ: އަވަސް

މަސްވެރިންގެ މައްސަލަތައް ހައްލުކުރުމަށް ސޮވެރިންގެރެންޓީއެއް ދީގެންވިއިއަސް ފައިސާ ހޯދަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވާކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިއަދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

“އެނގިވަޑައިގަންނަވާނެ ރައީސުލްޖުމްހޫރިއްޔާ އޮތީ ވިދާޅުވެފަ ސޮވެރިން ގެރެންޓީއެއް ދީގެންވިއަސް ފެސިލިޓީއެއް ހޯދައިގެން އެކަން ހަލާސްކުރަން. އެ ދުވަހުން ފެށިގެން ފިނޭންސް މިނިސްޓްރީ އަދި މިފްކޯއިން ވެސް މަސައްކަތްކުރަމުން ދަނީ އެނގޭތޯ,” ޝިޔާމް ވިދާޅުވިއެވެ.

މި މައްސަލައިގައި މިނިސްޓަރު އާދިއްތަ ދުވަހު ވިދާޅުވީ މިސަރުކާރަށް ވާރުތަވީ 250 ވަރަކަށް މިލިޔަން ރުފިޔާ އާއެކު މިހާރު ނުދެވި ހުރި ޖުމްލަ 280 މިލިޔަން ރުފިޔާގެ ބެކްލޮގު އެއްކޮށް މާޗު މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ނިންމާނެ ކަމަށެވެ. މީގެ ތެރެއިން 100 މިލިއަން ރުފިޔާ މިމަހުގެ 26 ވަނަ ދުވަހުގެ ކުރިން މަސްވެރިންނަށް ދޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު މިއަދު މަޖިލީހުގައި ވިދާޅުވީ އާދިއްތަ ދުވަހު މަސްވެރިން ކޫއްޑޫގައި ފެށި މުޒާހަރާ އަދިވެސް ކުރިއަށް ގެންދާކަމަށެވެ. އަދި އެ މުޒާހަރާ މިހާރު އައްޑޫ ސިޓީގައިވެސް ކުރަމުން އަންނަކަމަށެވެ.