2018/19 ވަނަ އަހަރުގެ ބާސެލޯނާގެ ކެޕްޓަންގެ މަގާމަށް ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ އެ ކްލަބަށް ކުޅެމުން އަންނަ އާޖެންޓީނާގެ އިތުބާރު ފޯވާޑް ލިއޮނަލް މެސީ އަށް ދީފިއެވެ.
ސްޕެއިންގެ އެންމެ ކާމިޔާބު ކުލަބް ކަމުގައިވާ ބާސެލޯނާގެ ކެޕްޓަންކަން މެސީ އާއި ހަވާލުކޮށްފައި މިވަނީ މިދިޔަ ސީޒަނުގައި އެޓީމްގެ ކެޕްޓަންގެ މަގާމުގައި ހުރި ތަޖުރިބާކާރު މިޑްފީލްޑަރު އަންދްރޭސް އިނިއެސްޓާ ބާސެލޯނާ ދޫކޮށް ޖަޕާނުގެ ކުލަބް އަކާއި ގުޅުމުންނެވެ.
މިދިޔަ ސީޒަންގައި ބާސެލޯނާގެ ވައިސް ކެޕްޓަންގެ މަގާމުގައި ހުރި މެސީ ކެޕްޓަން ކަމަށް ހަމަޖައްސާފައިވާ އިރު ވައިސް-ކެޕްޓަން ކަމަށް ހަމަޖައްސާފައި ވަނީ ސާޖިއޯ ބުސްކެޓްސް އެވެ.
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދައި ބާސެލޯނާއި އެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ މެސީ ވަނީ އުމުރުން 13 އަހަރުން ފަށައިގެން ބާސެލޯނާއަށް ކުޅެން ފަށާފައެވެ. އަދި މެސީ އަކީ މިވަގުތު އެ ކްލަބްއަށް އެންމެ ގިނަ ލަނޑު ކާމުޔާބުކޮށްދީފައިވާ ކުޅުންތެރިޔާއެވެ.
މެސީގެ ކެޕްޓަންކަމުގެ ދަށުން ބާސާ އިން ކުޅޭ ފުރަތަމަ މެޗުގައި މިރޭ އެ ކްލަބުން ސްޕެނިޝް ސުޕަރ ކަޕްގައި ސެވިއްޔާއާ ދެކޮޅަށް ކުޅޭ އިރު މި ސީޒަނުގައި ބާސެލޯނާ ލަލީގާގައި ކުޅޭ އެންމެ ފުރަތަމަ މެޗުގައި މި މަހުގެ 18 ވަނަ ދުވަހު ނުކުންނާނީ އަލަވޭސްއާ ދެކޮޅަށެވެ