English Edition
Dhivehi Edition

ރައްޔިތުންގެ ނަފުސާއި މުދަލަށް ކިތަންމެ އަނިޔާއެއް ދިނަސް ރައްޔިތުންގެ އަޒުމާއި ހިތްވަރު ޖަލަށް ނުލެވޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ރޭ މ. ކުނޫޒުގެ ބޭއްވި ޖަލްސާގައި ސްކައިޕް މެދުވެރިކޮށް ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ރައީސް ޔާމިންގެ މިފަސް އަހަރުގައި ނުހައްގުން އެތައް ބަޔަކު ޖަލަށްލާފައިވާ ކަމަށާއި، މި ސަރުކާރަކީ ރައްޔިތުންގެ މައްޗަށް އިންތިހާއަށް އަނިޔާވެރިވެރިވަމުން އަންނަ ސަރުކާރެއް ކަމަށެވެ. ގާސިމް ވިދާޅުވީ މިފަހުގެ ތާރީހެއްގައި އެއްވެސް އުސޫލެއް ނެތި ސިޔާސީ އެތައް ބޭފުޅަކު ހައްޔަރުކޮށްފައިވަނީ ރައީސް ޔާމިންގެ ސަރުކާރުން ކަމަށެވެ. އަދި ދައުވާ އުފުލައި ޝަރީއަތްތައް ހިންގާފައިވާ އެއްވެސް ޝަރީއަތަކީ އިންސާފުން ހިންގާފައިވާ ޝަރީއަތެއް ނޫންކަން ރައްޔިތުންނަށް ކަށަވަރުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމަނިކުފާނާއި، ކުރީގެ ރައީސް ނަޝީދާއި، ކުރީގެ ރައީސް މައުމޫނާއި، އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާނަށް ވެސް ނުހައްގު ހުކުމްތަކެއް އިއްވާފައިވާކަން ފާހަގަކުރައްވައި ވިދާޅުވީ އެނޫނަސް އެތައް ބޭފުޅުންނެއް މިއަދު ތިއްބެވީ ސަރުކާރުގެ އަނިޔާވެރިކަމުގައި ޖަަލަށް ލެވިފައި ކަމަށެވެ. އަދި ގައުމަށް ޚިދުމަތް ކުރައްވާފައިވާ އެތައް ބޭފުޅުންނެއް އަމިއްލަ ވަޒަނުން އަރުވާލާފައި ރާއްޖެއިން ބޭރުގައި އެބަތިއްބެވި ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ 16 މެމްބަރަކު ވެސް ވަނީ ޖަލުގައި ކަމަށެވެ.

ގާސިމް ވިދާޅުވީ ރައްޔިތުންގެ ބަސް އިއްވަންތިބި ރައްޔިތުންގެ މަންދޫބުންނަށް ރައްޔިތުންގެ ބަހުސްކުރާ މަޖިލިސްގެއަށް ރައީސް ޔާމިންގެ މަގާމާއި ނުފޫޒު ބޭނުން ކުރައްވައިގެން ނުވަދެވޭ ގޮތް ހަދާފައިވާ ކަމަށާއި، ބާރަ ދާއިރާގެ ރައްޔިތުން އަޑު މިސަރުކާރުން ކަނޑުވާލާފައިވާ ކަމަށެވެ. އަދި މިއީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

“ގާނޫނުއަސާސީގައިވާ އަދަދުތައް ހަމަނުކޮށް ބާއްވާ ޖަލްސާތަކަކީ ތަމްސީލެއްތޯ ނުވަތަ ކުޅޭ ޑްރާމާއެއްތޯ. އެމެމްބަރުންތައް ބައިވެރިނުކޮށް މަޖިލީހުން ނިންމަމުންދާ ނިންމުންތަކަކީ ބާތިލް ނިންމުންތަކެއް. ގަދަބާރުން ވެރިކަމުގައި ހުންނަން ވެގެން ކުރައްވާ ކަންކަން.މިކަންކަމަށް ސިފައިންނާއި ފުލުހުން އަޅާނުލައި ތިބީކީ ނޫން. އަދި ފެންނާނެ އެކަން” ގާސިމް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމީން ދެއިރުދެދަޅަޔަށް ދެގޮތަށް ދައްކަވާ ވާހަކަތަކުން ރައްޔިތުންނަށް ޚިޔާނާތާއި އަނިޔާވެރިވެފައިވާ މިންވަރު އެނގޭ ކަމަށެވެ. ރައްޔިތުންގެ ނަފުސާއި މުދަލަށް ކިތަންމެ އަނިޔާއެއް ދިނަސް ރައްޔިތުންގެ އަޒުމާއި ހިތްވަރު ޖަލަށް ނުލެވޭނެ ކަމަށް ވިދާޅުވިއެވެ. ނޫސްވެރިޔާ ރިލްވާންގެ މައްސަލައިގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަށް ރިއާޔަތްކުރައްވައި ގާސިމް ވަނީ އެމަނިކުފާނު ހައްޔަރުކޮށް ތަހުގީގު ހިންގުމަށް ސަލާމަތީ ފަރާތްތަކަށް ގޮވާލައްވާފައެވެ.

ގާސިމް އިބްރާހީމް ވިދާޅުވީ އިންތިޚާބަށް ނުފޫޒު ފޯރުވައިގެން ވެރިކަން ދެމެހެއްޓުމަށް އެތައް މަަސައްކަތެއް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އަދި މިކަންކަމުގެ ސަބަބުން ވޯޓުލާ ދުވަހު ރައްޔިތުންގެ މެދުގައި ހަމަނުޖެހުމެއް ހިނގުމަކީ ވެސް އެކަށީގެންވާ ކަމަށެވެ.

ރައީސް ޔާމީން އިންތިޚާބު ކާމިޔާބު ކުރައްވާނީ ކޯޓުން ނޫން ކަމާއި ވޯޓުން ކަމަށް ވިދާޅުވެފައިވާތީ ގާސިމް ވިދާޅުވީ އޭގެ މާނައަކީ އެކަން ކުރައްވާނީ ކޯޓުން ކަަމެވެ. އަނިޔާވެރިކަމާއި ބިރުވެރިކަން ރައްޔިތުން ބޭނުންނުވާ ކަމަށާއި ސަރުކާރުން ކޮންމެ ގޮތަކަށް ކަން ކުރަމުންދިޔަ ނަމަވެސް މިފަހަރު ރައްޔިތުން ކުރިހޯދާނެ ކަަމަށް ވިދާޅުވިއެވެ. އަދި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު އިންތިޚާބުކޮށް، އަނިޔާވެރިކަމުން ރައްޔިތުން ސަލާމަތްވާނެ ކަަމަށް ވިދާޅުވިއެވެ.