ތަރައްޤީއޭ ބުނުމުން އެލަފްޒު ގުޅެނީ ޕީޕީއެމްއާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ގއ.ވިލިނގިލީގެ ރައްޔިތުންނާއި މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވީ، ތަރައްޤީއާއި ގުޅޭ ގޮތުން ސުވާލުކުރުމުން އެއަށް ޖަވާބުދާރީވާން އިދިކޮޅު ފަރާތްތަކަށް ދަތިވާ ކަމަށެވެ.
” ތަރައްޤީއޭ ބުނީމަ، މިއަދުގެ ޒުވާނުންނާއި އަޅުގަނޑުމެންގެ ޖީލު މިހާރު އެސޯސިއޭޓް ކުރަނީ ޕީޕީއެމް ސަރުކާރާ. އެހެންވީމަ މިހާތަނަށް ހުރިހާ ދިމާލެއްގައި ހުރިހާ ކަމެއް ތަރައްޤީ ކުރި ބަޔަކީ ޕީޕީއެމް ސަރުކާރުކަން އެމީހުން ޤަބޫލްކުރޭ” ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ތަރައްޤީއާއި ގުޅޭ ވާހަކަތައް ކޮންމެ ރަށެއްގައިވެސް ދެއްކެވުމަކީ އެމަނިކުފާނަށް ފަސޭހަ ކަމެއް ކަމަށެވެ. އެގޮތުން ކުރީގެ ސަރުކާރުތަކުން ހިންގާފައިވާ ކޮންމެ މަޝްރޫޢަަކަށް 6 މަޝްރޫޢު އެމަނިކުފާނުގެ ސަރުކާރުން ހިންގާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ގއ އަތޮޅުގެ ރަށްތަކުގައި ރައީސް ޔާމީންގެ ސަރުކާރުން ގިނަ މަޝްރޫއުތަކެއް ހިންގާފައިވާކަން ފާހަގަ ކުރައްވާ އެމަނިކުފާނު ވިދާޅުވީ، އިދިިކޮޅު އެމްޑީޕީގެ ވެރިކަމުގައި އެއަތޮޅުގެ ކޮލަމާފުށީގައި އެއްވެސް މަޝްރޫއެއް ހިންގާފައި ނުވާ ކަމަށެވެ. ރައީސް ވިދާޅުވީ ތަރައްޤީގެ ވާހަކަ އިދިކޮޅު ފަރާތްތަކަށް ނުދެއްކެނީ އެފަދަ ސަބަބުތަކާ ހުރެ ކަމަށް. އަދި ކެމްޕެއިން ދަތުރު ތަކުގައި އެރަށްތަކަށް އިދިކޮޅު ފަރާތްތަކުން ވަޑައިގަތުމުން، އެރަށްރަށަށް ކޮށްދެއްވީ ކީއްތޯ ރައްޔިތުން ސުވާލު އުފައްދާނެ ކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީން ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވާދަ ކުރައްވަން ނިކުމެވަޑައިގަތީ މައިގަނޑު ތިން މަހްފޫމަކާއި އެކީގައި ކަމަށް. އެއީ ޒުވާނުންނާއި، އިޤްތިސާދާއި، ޤައުމުގެ އަމާންކަން ކަމަށް ރައީސް ވިދާޅުވިއެވެ.