ރާއްޖެއާ ބެހޭގޮތުން އިންޓަނެޓުގައްޔާއި ތަފާތު އެކި މަޖައްލާތަކުގައި ކޮށްފައިވާ ތައުރީފު ތަކަކީ ހަމަ ހަގީގަތެއްކަމަށް ކަލްޗަރަލް އެކްސްޗޭންޖް ޕްރޮގްރާމެއްގެ ދަށުން އައްޑޫސިޓީ އަށް ޒިޔާރަތް ކުރި ޗައިނާގެ ދަރިވަރުން ބުނެފިއެވެ.
ދަތުރު ނިންމާލަމުން އިއްޔެ އެ ދަރިވަރުންނާއި ބެލެނިވެރިން ބުނީ އަދިވެސް މިތަނަށް އަންނަން ބޭނުންވާ ކަމަށާއި މިތަނުން ލިބިގެންދިޔަ ހޫނު މަރުހަބާ ދުވަހަކުވެސް ހަނދާނުން ފިލައިގެން ނުދާނެ ކަމަށެވެ.
ޗައިނާ މޯލްޑިވިއަން ކަލްޗަރަލް އެސޯސިއޭޝަނުގެ ފަރާތުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ޗައިނާގެ ދަރިވަރުންތަކެއް ފުރަތަމަ ފަހަރަށް ރާއްޖެއަށް ކުރި މިފަދަ ދަތުރެވެ. މި ދަތުރުގައި މާލޭގައި އެއްދުވަސް ހޭދަކުރުމަށްފަހު ޕްރޮގްރާމުގެ ބޮޑުބައެއް ދަރިވަރުން ހޭދަކުރީ އައްޑޫސިޓީގައެވެ. އެގޮތުން އައްޑޫގެ ބައެއް ގޭގޭގައި 2 ދުވަސް ވަންދެން އެކުދިން ވަނީ އެއާއިލާތަކާއެކު ވަގުތު ހޭދަކޮށްފައެވެ. ހަމަ އެއާއެކު އައްޑޫހައިސްކޫލާއި ފޭދޫ ސްކޫލަށް ވެސް މި ޓީމުން ވަނީ ޒިޔާރަތް ކޮށްފައެވެ. އެ ދެ ސްކޫލުން ލިބިގެންދިޔަ ހޫނު މަރުހަބާއަށް ފަހު ޑެލިގޭޝަނުން ވަނީ ހުޅުމީދޫއަށް ވެސް ޒިޔާރަތް ކޮށްފައެވެ.
ހުޅުމީދޫއަށް ކުރި މި ޒިޔާރަތުގައި ހުޅުމީދޫގެ ހުރިހާ ސްކޫލުތަކެއް ބައިވެރިވެގެން ދަރިވަރުންނަށް ޚާއްޞަ ޕްރޮގްރާމު ތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން މީދޫ ނަލަފެހި ޖަމިއްޔާއިން ވަނީ ޗައިނާގެ ދަރިވަރުން ލައްވައި ޝަމްސުއްދީން ސްކޫލުގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ވެސް ކުރިއަށް ގެންގޮސްފައެވެ.
ހަމަ މިއާއެކު ހުޅުދޫ ސްކޫލާއި ޝަމްސުއްދީން ސްކޫލް އަދި ސ.އަތޮޅު މަދުރަސާގެ ޕީޓީއޭއިން ވަނީ ޑެލިގޭޝަނަށް ޚާއްޞަ ކޮށްގެން ދިވެހި ރަހަތަކަކާއެކު މެންދުރުގެ ކެއުން ތައްޔާރުކޮށްފައެވެ.
އީކުއޭޓަރ ވިލެޖުގައި ދަރިވަރުން ހޭދަކުރި މި ދުވަސްތަކުގައި އެތަނުން ލިބިގެންދިޔަ ފުރިހަމަ މެޙްމާންދާރީ އާއި އައްޑޫގެ ސްކޫލުތަކާއި އަދި ބެލެނިވެރިންނާއި ދަރިވަރުންގެ ފަރާތުން ލިބިގެން ދިޔަ ލޯތްބާއި އެކުވެރިކަމަށްޓަކައި އުފާކުރަމުން އެސްކޫލުން ޓީމާ ހަވާލުވެގެން އިސްކޮށް ހުންނެވި ބޭފުޅާ ވިދާޅުވީ މިއީ އައްޑޫގެ ސްކޫލުތަކާ އެމީހުންގެ ސްކޫލާ ދެމެދު އެޅިގެންދިޔަ އެކުވެރިކަމުގެ ބްރިޖެއް ކަމުގައެވެ. އަދި މި ގުޅުމުން ސްކޫލްތައް ގުޅުވާލަދެއްވެވި ކަމަށްޓަކައި ޗައިނާ މޯލްޑިވިއަން ކަލްޗަރަލް އެސޯސިއޭޝަން (ސީއެމްސީއޭ) އަށް އެ ޓީމުން ވަނީ ޝުކުރު އަދާކޮށްފައެވެ. ޓީމުން ބުނީ ކައިރި މުސްތަގުބަލެއްގައި ޗައިނާގެ ހުއައިމިން ސްކޫލަށް އައްޑޫގެ ސްކޫލުތަކުގެ ދަރިވަރުން ޒިޔާރަތް ކުރާނެ ދުވަސް ދެކެން ވަރަށް ބޭނުންވާ ކަމަށާއި އެފަދަ ފުރުސަތުތައް ތަނަވަސް ވެގެން ދިއުމަށް އެދޭ ކަމަށެވެ.
ޗައިނާގެ ޑެލިގޭޝަނުން ރާއްޖެއަށް ކުރި މި ދަތުރު ނިންމާލުމަށްފަހު މިއަދު އެ ދަރިވަރުން ވަނީ އެނބުރި ޗައިނާއަށް ފުރާފައެވެ.