ރާއްޖޭގެ އަމާންކަން ނަގާލަން ބަޔަކު ރާވަމުންދާ ކަމަށް ބުނެ ދައްކަމުންދާ ވާހަކައަކީ އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބު ފަސްކުރުމަށްޓަކައި ދައްކަމުންދާ ވާހަކަތަކެއް ކަމަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ
މިއަދު، ތ. ގާދިއްފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަމުން އިބޫ ވިދާޅުވީ ގައުމީ ސަލާމަތަށް ނުރައްކަލެއް އޮތްކަން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ފޭސްބުކް ސްޓޭޓަސް އިން ހާމަކުރެއްވުމަކީ “ޖޯކެއް” ކަމަށާއި މިއީ އިންތިހާބު ފަސްކޮށް ވޯޓު އޮޅުވާލުމަށްޓަކައި ކުރަމުންދާ މަސައްކަތެއް ކަމަށެވެ. މީގެ އިތުރުން އިބޫ ވަނީ މި ވާހަކަތަކަކީ ވޯޓުލާން ތިއްބެވި ބޭފުޅުންނަށް ބިރުދެއްކުމަށް ކުރާ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ
ޑިފެންސް މިނިސްޓަރުގެ ވާހަކަތަކާއި ގުޅިގެން އިބޫ ވިދާޅުވީ ގައުމަށް ނުރައްކަލެއް ކުރިމަތިވާ ނަމަ ގައުމުގެ ދިފާއީ ބާރުގެ ކުރިން ގައުމުގެ ދިފާއުގައިނިކުންނަވާނީ ކޯލިޝަންގެ ބޭފުޅުން ކަމަށެވެ.