ސިޔާސީ ދާއިރާއާއި ލީޑަރޝިޕް މަގާމުތަކުގައި އަންހެނުންގެ ރޯލު ފުޅާކޮށް އަންހެނުން ބާރުވެރިކުރުމާ ބެހޭ ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް އައްޑޫގައި ފަށައިފިއެވެ.
އަންހެނުން ބާރުވެރިކުރުވަން މަސައްކަތް ކުރާ ރާއްޖޭގެ ޖަމިއްޔާއެއް ކަމަށްވާ ވިމެން އިން ޑިމޮކްރަސީ އާއި އާއި އައްޑޫވިމެންސް އެސޯސިއޭޝަން ގުޅިގެން އައްޑޫގައި ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ “ވިޕް 4” ގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ޕްރޮޖެކްޓް ވިތް ފޯ އަކީ ކެނޭޑިއަން އެމްބަސީން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ކެނޭޑިއަން އެމްބަސީއާއި ސްރީލަންކާގެ އެމްބަސީއާ ގުޅިގެން ވިމެން އިން ޑިމޮކްރަސީއަށް ތާއީދުކޮށް އެ ޖަމިއްޔާއިން ސިޔާސީ ދާއިރާއިން އަންހެނުން ބާރުވެރިކުރުވަން ހިންގާ ޕްރޮޖެކްޓެއް ކަމަށް ވިމެން އިން ޑިމޮކްރަސީގެ ރައީސާ އަދި ފައުންޑަރ ސަފާތު އަހުމަދު ޒާހިރު ވިދާޅުވިއެވެ.
ސަފާތު ވިދާޅުވީ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ އިސް ސަފުގައްޔާއި މަޖިލިސް މެމްބަރުންގެ ލެވެލްގެ އިތުރުން ސިޔާސީ ދާއިރާގެ އިސް ސަފުގައި އަންހެނުންގެ ރޯލު ފުޅާ ކޮށް އަންހެނުންގެ ލީޑަރޝިޕް އިތުރުކުރުމަކީ މި ތަމްރީނު ޕްރޮގްރާމުގެ މަގްޞަދުކަމަށެވެ. އަދި ރާއްޖޭގެ މިފަދަ މަގާމުތަކުގައި އަންހެނުންގެ ހިއްސާ މަދު ކަން ސަފާތު ވަނީ ފާހަގަކުރައްވަވާފައެވެ.
ސަފާތު ވިދާޅުވީ އެޑިޔުކޭޝަންދާއިރާ އާއި ސިއްހީ ދާއިރާ، ކުޑަކުދިންގެ ހައްގުތައް، އަންހެނުންގެ ހައްގުތައް މިކަހަލަ ކަންތައްތަކަށް ވަކާލާތުކުރަން އަންހެން ލީޑަރުން ނެތް ކަމަށާއި މި ފަދަ ޕޮލިސީ ލެވެލް މަގާމުތަކުގައި އަންހެން ލީޑަރުން ތިބުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
މި ތަމްރީނު ޕްރޮގްރާމުގެ ޓްރެއިންގ ގެ ކޮންސަލްޓެންސީ އެއްގެ ގޮތުގައި ރާއްޖޭގެ ސިޔާސީ ދާއިރާގެ އިސް ސަފުގައި ހަރަކާތްތެރިވެ ލައްވަވާ ކަނބަލެއް ކަމުގައިވާ ޝިދާތާ ޝަރީފްވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. ޕްރޮގްރާމު ރަސްމީކޮށް ފެށުމަށްޓަކައި ކެންގަރޫ ސްކޫލްގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝިދާތާ ވިދާޅުވީ ރާއްޖޭގެ ތައުލީމީ ދާއިރާގެ ނަތީޖާއަށް ބަލާލިކަމުގައި ވިޔަސް އެންމެ ގިނަ އެވޯޑު ގެންދާތަން ފެންނަނީ އަންހެން ދަރިވަރުން ކަމަށެވެ. ހަމަ އެހެންމެ ސިވިލް ސަރވިސްގެ ވަޒީފާތަކަށް ބަލާލާއިރު ވަޒީފާތަކުގައި އެންމެ ގިނައީ ވެސް އަންހެން މުވައްޒަފުން ކަމަށެވެ. ހަމައެހެންމެ ސިޔާސީ ހަރަކާތްތަކަށް ބަލާލާއިރު އެ ހަރަކާތްތަކުގައި ވެސް އެންމެ ގިނައިން ފެނިގެންދަނީ އަންހެން ބޭފުޅުން ކަމަށެވެ. ނަމަވެސް ސިޔާސަތު ކަނޑައަޅާ ހިސާބުތަކުގައި ނުވަތަ ގޮތް ނިންމާ ހިސާބުތަކުގައި މިތިބެނީ އިނގިލިން ގުނާލެވޭފަދަ މަދު އަންހެން ބޭފުޅުންތަކެއް ކަމަށް ޝިދާތާ ވިދާޅުވިއެވެ.
“އަޅުގަނޑުމެންގެ ކާމިޔާބީ އަކީ ސިޔާސަތު ކަނޑައަޅާ ލެވެލްގައި އަޅުގަނޑުމެންގެ ތައުލީމީ ދާއިރާގައި ހޯދާ ރަންވަނަތައް ތަމްސީލު ކުރެވުނީމަ. އެހިސާބަށް ދިއުމަށްޓަކައި ހުރި ހުސްކަންކަން ފުރުމަށްޓަކައި މިފަދަ ތަމްރީން ޕްރޮގްރާމުތައް ކުރިއަށް މި ގެންދަނީ” ޝިދާތާ ވިދާޅުވިއެވެ.
ރޭގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަވަމުން އެންއައިގެ ސްޕްރިޓެންޑެންޓް ފާތިމަތު ނަސީރު ވިދާޅުވީ ލީޑަރޝިޕަކީ ކޮންމެހެން ވަކި މަތީ މަގާމެއްގައި ހުރެގެން ކުރެވޭ ކަމެއް ނޫން ކަމަށާއި ކޮންމެ ލެވެލް އެއްގައި ތިބި ނަމަވެސް ލީޑަރުންގެ ގޮތުގައި މަސައްކަތް ކުރެވޭނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވިމެންއިން ޑިމޮކްރަސީގެ އިސް ބޭފުޅުންނާއި އައްޑޫ ވިމެންސް އެސޯސިއޭޝަނުގެ މެމްބަރުންގެ އިތުރުން އައްޑޫގެ މެދުދާއިރާގެ ކައުންސިލަރ ޖަމްޝީދާ މުޙައްމަދާއި ބައިވެރިވެލެއްވެވިއެވެ.
އެކުލަވާލާފައިވާ 8 މޮޑިއުލް އަކަށް އެޑިއުކޭޝަނަލް 11 ސެޝަންސް ތަކެއް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި ތަމްރީނު ޕްރޮގްރާމު މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން 4 ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނީ އައްޑޫސިޓީ ކައުންސިލާއި ކެންގަރޫ ސްކޫލްގައެވެ. މި ޕްރޮގްރާމުގައި އައްޑޫގެ ޒުވާން އަންހެން ކުދިންގެ ތެރެއިން ތިރީހަކަށް އަންހެން ކުދިން ވަނީ ބައިވެރިވެފައެވެ.