English Edition
Dhivehi Edition
އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވެއިރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް - ފޮޓޯ: އަވަސް

އަންހެނުން ޝާމިލުނުވެ ހޯދޭ ތަރައްޤީ ހުންނާނީ ވަރަށް އައިބުކޮށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ހަސަން ލަތީފް މިހެން ވިދާޅުވީ، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގައި އަންހެނުންނަށް ގޮނޑި ކަނޑައަޅައި އަންހެނުންގެ ކޮމިޓީއެއް އިންތިޚާބުކުރުމުން ޤައުމުގެ އާބާދީ އިތުރުވުމަށް ހުރަހަކަށް ނުވާނެތޯ ސުވާލުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގަ އެވެ.

އެގޮތުން އެ ޓްވީޓްގައި ހަސަން ވިދާޅުވެފައި ވަނީ ޤައުމުގެ އާބާދީ އިތުރުކުރުމަށް ވިސްނަންވާނީ އަންހެން ޖިންސުގެ ބޭފުޅުން ތަރައްޤީގެ ސީދާ މަސައްކަތުން އެކަހެރިވެ ތިބެގެން ނޫން ކަމަށާއި، އަންހެނުން ޝާމިލުނުވެ ހޯދޭ ތަރައްޤީ ހުންނާނީ ވަރަށް އައިބުކޮށް ކަމަށެވެ.

“ފިތުރައިގެ އުސޫލާ އިދިކީލިކޮށް ކުރާ ކަންކަން އައިބުވާނެ”، ހަސަން ވިދާޅުވި އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކައުންސިލްތަކުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަވާ ގޮތަށް ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާޙަށް ގިނަ ބައެއްގެ ތަޢުރީފް އޮހެމުންދާއިރު، ބައެއް ފަރާތްތަކުން ދަނީ އެކަމާމެދު ނުރުހުންތެރިކަން ފާޅުކުރަމުންނެވެ. އެކަމާމެދު އެންމެ ބޮޑަށް ހިތްހަމަނުޖެހުން އުފެދި އަދި އެންމެ ބޮޑަށް ސިޔާސީ މަސްރަޙް ހޫނުވެފައިވަނީ ސިޓީތަކުގައެވެ.

އެގޮތުން ކައުންސިލްތަކުގެ އިންތިޚާބުގައި ބައެއް ދާއިރާތަކުގެ ގޮނޑިތަކަށް ފިރިހެނުންނަށް ކުރިމަތި ނުލެވޭ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް މޫސާ އަންވަރު ވަނީ ބުނެފައެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި 980 ކައުންސިލަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެތެރެއިން 33 އިންސައްތަ އަންހެނުންނަށް ޚާއްސަކޮށްފައިވާއިރު، ޖުމްލަ 384 އަންހެން ކައުންސިލަރުން މިފަހަރު އިންތިޚާބުކުރާނެ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އޮންނާނީ 04 އޭޕްރީލް 2020 ވާ ހޮނިހިރު ދުވަހު އެވެ.