English Edition
Dhivehi Edition

ރާއްޖޭގައި ފުޓްބޯޅައިގެ ފޯރި އެންމެ ގަދަ ހިސާބުތަކުގައި ބޮޑެތި ފުޓްބޯޅަ ދަނޑުތަކެއް މި ސަރުކާރުން އަޅުއްވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްޕޯޓްސް އެރީނާ ޤާއިމު ކުރުމުގެ މަޝްރޫޢުގެ ދަށުން ޤާއިމުކުރެއްވި ފުޓްސަލް ދަނޑުތައް ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުންނެވެ.

ރޭ ދަރުބާރުގޭގައި އޮތް މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ކުޅިވަރުގެ އިމާރާތްތަކާއި ވަސީލަތްތައް ޤާއިމު ކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވައިލެއްވިއެވެ. ޚާއްޞަކޮށް މި ދާއިރާއަށް ކުރަންހުރި ހޭދަ ބޮޑުކަން ފާހަގަ ކުރައްވައި، އެހެންނަމަވެސް މި ސަރުކާރުން ކުޅިވަރު ކުރިއެރުވުމަށް ދެއްވާ އަހަންމިއްޔަތު ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ. މިގޮތުން، މި ސަރުކާރުގައި މިހާތަނަށް ކުރެވުނު މަސައްކަތްތަކާއެކު ހަތަރު ސަތޭކަ އެތައް މިލިއަން ރުފިޔާ ޚަރަދު ކުރެއްވިއްޖެކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ކުރިއަށް އޮތްތާނގައި ކުޅިވަރުގެ ދާއިރާގެ ކުރިއެރުމަށް ސަރުކާރުން ރާއްވަވާފައިވާ ކަންކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލެއްވިއެވެ. މިގޮތުން، ހުޅުމާލޭގައި ބައިނަލްއަޤްވާމީ ސްޓޭޑިއަމެއް ޤާއިމު ކުރެއްވުމަށް ނިންމަވާފައިވާ ކަމަށާއި، ފީފާ ޤަބޫލުކުރާ ފެންވަރުގެ ފުޓްބޯޅަ އެކަޑަމީއެއް ޤާއިމު ކުރައްވަން ރާއްވަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ބަޔާން ކުރެއްވިއެވެ. އަދި، ދަރުމަވަންތަ ހޮސްޕިޓަލާއެކު ކުޅިވަރުގެ ބޭސްފަރުވާއަށް ބޭނުންވާ އެންމެ ޒަމާނީ ވަސީލަތްތައް ލިބިދޭ، ކުޅިވަރުގެ އަނިޔާއަށް ފަރުވާދޭ ޚާއްސަ ކްލިނިކެއް ޤާއިމުވެގެންދާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ސަރުކާރުން ޒުވާނުންނާއި ކުޅިވަރަށް ގިނަ ހޭދަތަކެއް ކުރެވިގެން މިދަނީ މި ދާއިރާއަށް ދޭ އަހަންމިއްޔަތުގެ ސަބަބުން ކަމުގައި ވިދާޅުވިއެވެ. އަދި، ކުރީގެ ސަރުކާރުތަކުން ޒުވާނުންނާއި ކުޅިވަރު ތަރުތީބުކޮށްފައިވަނީ ވަރަށް ފަހަތުން ކަމުގައި ވިދާޅުވެ، މި ސަރުކާރުން ކުޅިވަރުގެ ތަރައްޤީއާ ދޭތެރޭ ވަރަށް ސީރިއަސްކަން ތަކުރާރު ކުރެއްވިއެވެ. މިކަމުގެ ހެޔޮ ނަތީޖާ ދިވެހި މުޖުތަމަޢުން ފެންނަމުންދާކަން ފާހަގަ ކުރައްވައި، ސަރުކާރުން ޒުވާނުން އުފެއްދުންތެރި ބަޔަކަށް ހެދުމަށް ކުރެއްވި މަސައްކަތުން، ކުރީގެ ސަރުކާރުތަކާ އަޅައިބަލާއިރު 100 އަކުން 35 އިންސައްތަ ކުށް މަދުކުރެވިއްޖެކަން، ރައީސުލްޖުމްހޫރިއްޔާ އުފަލާއެކު ފާހަގަ ކުރެއްވިއެވެ.

މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އެންމެ ހަރަކާތްތެރި އުމުރުގައި ތިބޭ ޒުވާނުން ހަލާކުވެގެންދާން ބޭނުންފުޅު ނުވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ބަޔާން ކުރެއްވިއެވެ. އަދި، ޒުވާނުންނަށް ހޯއްދަވައިދެއްވާ ފުރުސަތުތަކުގެ ބޭނުން ހިފައި، އުފެއްދުންތެރި ބަޔަކަށްވެ، ތަރައްޤީގެ ބައިވެރިންނަށް ވުމަށް ޒުވާނުންނަށް ރައީސުލްޖުމްހޫރިއްޔާ ގޮވައިލެއްވިއެވެ.

މީގެ އިތުރުން، ރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ސަރުކާރުން ޒުވާނުންނަށް ތަނަވަސް ކޮށްދެއްވަމުން ގެންދަވާ ފުރުސަތުތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން، ރާއްޖޭގައި ބޮޑެތި އެއާޕޯޓްތައް ހަދައި، އިޤްތިޞާދަށް ކުރިއެރުން ލިބެމުންދާއިރު ޒުވާނުންނަށް އެތައް ވަޒީފާގެ ފުރުސަތުތައް ތަނަވަސް ވެގެންދާކަން ފާހަގަ ކުރެއްވިއެވެ. މިގޮތުން، ޓޫރިޒަމް ދާއިރާގައި 18000 ޒުވާނުން މިހާރު މަސައްކަތް ކުރަމުންދާކަން ބަޔާން ކުރައްވައި، އަދި އިތުރު 18000 ކުދިންނަށް ފުރުސަތު އެބައޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސަރުކާރުގެ އަޒުމަކީ ޓޫރިޒަމް ދާއިރާގައި މިހާރު މަސައްކަތްކުރާ ޒުވާނުންގެ އަދަދު ފަސް، ހަ ގުނައަށް ކުރިއެރުވުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ޒުވާނުންނަށް ދިމާވާ އެކި ކަންކަން ހައްލުކޮށް، ތަމްރީންދީ، މާލީގޮތުން ބާރުވެރިކުރުވުމަށްޓަކައި، ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ޒުވާނުންނަށް އެމްޕްލޯއިމަންޓް ބެނިފިޓް ސްކީމެއް ތައާރަފް ކުރެއްވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާނު ކުރެއްވިއެވެ. އަދި މި ސްކީމްގެ ތެރެއިން، ކުންފުނިތަކުގެ ހިއްސާ ގަތުމަށާއި، ގެދޮރު ހޯދުމަށާއި، ދަރިންގެ ތައުލީމަށާއި، ބޭސްފަރުވާއަށް ފުރުސަތު ފަހިވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން، މެދުފަންތީގެ ވިޔަފާރިވެރިންނަށް އިންޓެގްރޭޓަޑް ޓޫރިޒަމްގެ ދާއިރާއިން ކުރާ ވިޔަފާރިއަށް ސަރުކާރުގެ ގެރެންޓީ ދެއްވުމަށް ނިންމަވާފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.