English Edition
Dhivehi Edition

މި ސަރުކާރުން ޒުވާނުންނަށް ދޭ ޚާއްސަ އަހަމިއްޔަތުގެ ސަބަބުން މިދިޔަ ފަސް އަހަރުގެ ތެރޭގައި ޒުވާނުން ކުށްކުރާ މިންވަރު ވަރަށް ބޮޑުތަން ކުޑަކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ސްޕޯޓްސް އެރީނާ މަޝްރޫއުގެ ދަށުން ގާއިމްކުރި 50 ފުޓްސަލް ދަނޑު ހުޅުވުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޒުވާނުންނަށް އަމާޒުކޮށްގެން މި ސަރުކާރުން އެކުލަވާލާފައިވާ ސިޔާސަތުތައް ތަންފީޒު ކުރުމުގެ ހެޔޮ ނަތީޖާ ފެންނަމުންދާ ކަމަށެވެ.

އެގޮތުން މިކަމުގެ ހެޔޮ ނަތީޖާ ޕޮލިސް ރިޕޯޓްތަކުން ފެންނަމުންދާ ކަމަށާއި، ކުށް ކުރާ ޒުވާނުންގެ އަދަދު ކޮންމެ ސަތޭކައަކުން 35 މަދު ކުރެވިފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް ވެސް ވަނީ މި މޭރުމުން ވާހަކަފުޅު ދައްކަވާފައެވެ. މިނިސްޓަރުގެ ގެ ވާހަކައިގައި ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްސެލް ދަނޑުތައް އެޅުމުގެ ހެޔޮ ނަތީޖާ ފެންނަމުންދާ ކަމަށެވެ. އަދި އެ ނަތީޖާ އެންމެ ބޮޑަށް ފެންނަމުން ދަނީ ޕޮލިސް ރިކޯޑްތަކުން ކަމަށެވެ.

އިރުތިޝާމް ވިދާޅުވީ، މިދިޔަ އަހަރު ކުރެވުނު މަސައްކަތުން މިރޭ ހުޅުވިގެންދިޔަ 50 ފުޓްސެލްދަނޑުގެ ތެރެއިން 41 ދަނޑެއްގެ މަސައްކަތް ނިންމާލަފައި ވަނީ މިދިޔަ އަހަރުކަމަަށާއި، ރައީސްގެ އެދިލެއްވުމުގެ މަތިން އެ ދަނޑުތަކުގައި ވަގުތީ ގޮތުން ޒުވާނުން ކުޅެމުންދާކަމަށެވެ. އިރްތިޝާމް ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މުޅި ރާއްޖޭގައި 86 ފުޓްސެލް ދަނޑުގާއިމްކޮށްފައިވާކަަމަށެވެ. އަދި 96 ފުޓްސެލްދަނޑުގެ މަސައްކަތް ކުރެވެމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.