ނޫސްތަކުގެ ހެޑްލައިން ފަތަހަކުރަމުންއަންނަ މަޝްހޫރު ދެސެލެބްރެޓީން ކަމަށްވާ ބޮލީވުޑްގެ އެކްޓްރެސް އަދި އިންޓަނޭޝަނަލް ތަރި ޕްރިޔަންކާ ޗޯޕްރާ އާއި މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޯންސް މިވަނީ އެންގޭޖްވެފައެވެ.
ފޭނުންގެ މެދުގައި މިހާރުގެ އެންމެ ހިނގާ އެއް ސުވާލަކީ ނިކް އާއި އޭނާގެ އާއިލާ ޕްރިޔަންކާގެ އާއިލާއާއި ބައްދަލުކުރަން އިންޑިއާ އަށް ދާނެތޯ ކުރެވޭ ސުވާލެވެ. މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު ޕްރިޔަންކާ ވަނީ ނިކް އާއެކު ނިކްގެ ބޭބޭއެއް ކަމަށްވާ ރަޗެލް ތަމްބުރެއްލީގެ ކައިވެނި ހަފުލާގައިވެސް ބައިވެރިވެފައެވެ. އެގޮތުން އެހަފުލާގެ ތެރެއިން ނިކް ވަނީ ފުރަތަމަ ފަހަރަށް ޕްރިޔަންކާ އޭނާގެ އާއިލާއަށް ތައާރަފުކޮށްދީފައެވެ. ދެން އޮތީ ޕްރިޔަންކާ ގެ އާއިލާއަށް ނިކްގެ އާއިލާ ތައާރަފް ކުރުން ކަމަށްވާއިރު މިއީ ވެދާނެ ކަމެއްތޯ މިހާރު ފޭނުންގެ މެދުގައި އުފެދިފައިވާ ބޮޑުސުވާލެކެވެ.
ޑޭޓްތަކުންނާއި ބޭރުގެ އެކި އެކި ތަންތަނުން ޗުއްޓީ ހޭދަކުރަނިކޮށް މިދެތަރިން ފެންނަމުންގޮސް އެންމެފަހުން ޕްރިޔަންކާ އާއި ނިކް މިވަނީ އެންގޭޖް ވެ ކައިވެންޏަށް ތައްޔާރުވެފައެވެ. އަދި ދެމީހުންގެ ކައިވެނި ކުރާ ދުވަސްވެސް މިވަނީ އިއުލާން ކޮށްފައެވެ. އެއީ ނިކް އަށް 26 އަހަރުފުރޭ ދުވަސް ކަމަށްވާ ސެޕްޓެމްބަރ 16އިގަ އެވެ. ޕްރިޔަންކާއާއި ނިކް އެންގޭޖްވީ ޕްރިޔަންކާއަށް 36 އަހަރުވީ ދުވަހު ލަންޑަންގައެވެ.
މިދިޔަ އަހަރުގެ މެޓް ގާލާގައި ޕްރިޔަންކާ އާއި ނިކް ފުރަތަމަ ފަހަރަށް ބައްދަލުވެފައިވާއިރު މިދެތަރިން ރައްޓެހިވެގެން އުޅޭކަމުގެ އަޑުތައް ފެތުރުނީ މިއަހަރުގެ ކުރީކޮޅެވެ.