ކޮންމެ ދެމީހަކުވެސް ރައްޓެހި ވަނީ ހަޔާތުގެ ކޮންމެވެސް ހިސާބަކުން ކައިވެނިކޮށް އުމުރު ދުވަހު އެއްކޮށް އުޅުމުގެ ނިޔަތުގައެވެ.ދެމީހުން އެކަކަކު އަނެކަކަށް ގުޅި ކައިވެނި ކުރުމާ ހަމަޔަށް މިހޭދަވާ މުއްދަތުގައި ވަރަށް ގިނަ ކަންތައްތަކާއި ކުރިމަތިލާންޖެހެއެވެ.
ބައެއް ފަހަރު ތިމާއަށް ނޫނީ ބައިވެރިޔާއަށް ކުރެވޭ ކަމެއްގެ ސަބަބުން ކައިވެންޏާ ހަމަޔަށް ނުދެވި ދެމީހުން ރުޅިވާތަން ވެސް ދިމާވެއެވެ.ގިނަފަހަރަށް މިހެން ދިމާވަނީ ކަމަކާ ކުރިމަތި ވުމުން އެކަމަކުން އަރައި ނުގަނެވިގެން އުޅެނިކޮށެވެ.ނޫނީ ދިމާވެގެން އުޅޭ ކަމެއްގެ ހައްލު ހޯދަން ނޭގޭތީއެވެ.ފާހަނގަ ކޮށްލަނީތިމާ ރައްޓެހިވެގެންއުޅޭ ބައިވެރިޔާ ވަރަށް ނަފްރަތު ކުރާ ކަންތައްތަކެވެ
- ގިނައިރު ވަންދެން ފޯނުގައި އެހެންމީހަކަށް ގުޅައިގެން ހުރުމުން ބައިވެރިޔާ ވަރަށް ނަފްރަތު ކުރާނެއެވެ.ހާއްސަކޮށް ފޯނުގައި ހުރެ ހީ މަޖާކޮށް ސަކަރާތް ޖެހުމުން މިކަން ފާހަނގަ ކުރެވޭނެއެވެ.މިހެން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ އެއްވެސް މީހަކު ތިމާގެ ބައިވެރިޔާ އަކީ އެހެން މީހުންގެ ހިތްހަމަ ޖައްސުވަން ގެންގުޅޭ މީހަކަށް ވާން ނޭދުމެވެ.
- ޑޭޓަކަށްދާން ގަޑި ކިޔާފައިވަނިކޮށް ބައިވެރިޔާ ނޫން އެހެން މީހަކާ އެކީ ތަނަކަށް ގޮއްސިޔާ ބޮޑު މައްސަލައަށް އެކަން ވެއެވެ.އެއީ ކިތަންމެ ކުޑަ ވަގުތުކޮޅަކަށް ދިޔަކަމުގައިވިޔަސްެމެއެވެ.ތިމާޔަށް ރަނގަޅަށް ކަންތައްތައް ކޮށް ދިނަސް އެކަންތައްތައް ހިތުގައި ހުންނާނެއެވެ.މިހެން ދިމާވަނީ ރައްޓެހިވެގެން އުޅޭ ބައިވެރިޔާއަށް ތިމާ ކިތަންމެ ވަރަކަށް އިތުބާރު ކުރިޔަސް ދެންއޭނާ އާއި އެކު ދާ މީހަކަށް އިތުބާރެއް ނުކުރެވޭނެތީއެވެ.
- ކުރީގެ ލޯބިވެރިޔާގެ ވާހަކަ ދެއްކުން މީ މަޖަލަކަށްވެސް ކޮށްގެން ވާވަރުގެ ކަމެއް ނޫނެވެ.މީގެ ސަބަބުން އެތައް މައްސަލަތަކެއް އުފެދިގެން ދެއެވެ. ގިނަ ފަހަރަށް ބޮޑު ޒުވާބަކާ ހަމަޔަށްވެސް މިކަންތައް ގޮސްދާނެއެވެ.ކުރީގެ ލޯބިވެރިޔާގެ ވާހަކަ ދައްކާ އޭނާއަށް ތައުރީފުކޮށް މިހާރުގެ ބައިވެރިޔާއާއި އަޅާ ކިއުމުން ހަގީގަތުގައި އެކުރެވެނީ ވަރަށް ގޯސް އަމަލެކެވެ.މީގެ ސަބަބުން ދެމީހުންގެ ދޭތެރޭގައި ބޮޑު މައްސަލަ ގަނޑެއް އުފެދެއެވެ.އަދި ރައްޓެހިވެގެންއުޅޭ ބައިވެރިއެއްގެ ހިތުގައި ތިމާދެކެ ނަފްރަތު އުފެދޭ ހިސާބަށްވެސް ގޮސްދާނެއެވެ.
- އެކަކު އަނެކަކަށް އިތުބާރު ކުރުމަކީ ދިރިއުޅުމެއް ބިނާކުރުމުގެ އެއްމެ މައި އެއް ތަނބެވެ. އިތުބާރު ނެތި ދިރިއުޅުމެއް އާރާސްތުކުރުމަކީ ދަތި އުދަނގޫކަމެކެވެ.ދިރިއުޅުން ކާމިޔާބުކުރުމަށްޓަކައި ތިމާގެ ބައިވެރިޔާއަށް އިތުބާރުކުރަންވާނެއެވެ.އަދި ތިމާވެސް ބައިވެރިޔާގެ އިތުބާރު ގެއްލޭ ގޮތަކަށް އުޅެގެން ނުވާނެއެވެ. މީހަކާއި ‘ސީރިއަސްކޮށް’ ރައްޓެހިވެގެން އުޅޭނަމަ މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކުން ދެމީހުންވެސް ދުރުވާންޖެހެއެވެ.