English Edition
Dhivehi Edition

“ހިޔާ” މަޝްރޫއުގެ ދަށުން މޯލްޑިވްސް ޕޯޓް ލިމިޓެޑް އިން އެ ކުންފުނީގެ މުވައްޒަފުންނަށް ހެޔޮ އަގެއްގައި އެޕާޓްމެންޓްތައް ލިބޭ ހާއްސަ ސްކީމް “ޕޯޓް ހިޔާ ހައުސިންގ ސްކީމް” ތާއާރަފްކޮށްފިއެވެ.

އެމްޕީއެލް ބަނދަރުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ސްކީމް ތައާރަފްކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު އާއި އެމްޕީއެލް ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް އަދި އެމްޕީއެލްގެ ޗެއާމަން ޑރ.އަލީ ރިފާއުއެވެ. މި ސްކީމް ތައާރަފްކޮށްދެވުމުގެ ގޮތުން ފްލެޓްތަކަށް ކުރިމަތިލާ ފޯމްތައް އެކި ޑިވިޝަންތަކާއި ވަނީ ހަވާލުކޮށްފައެވެ

އަންނަ އޮގަސްޓް މަހުގެ އެއް ވަނަ ދުވަހުން ފެށިގެން، އެ މަހުގެ ނިޔަލަށް އެ އެޕާޓްމެންޓްތަކަށް ކުރިމަތިލެވޭނެކަމަށް އެމްޕީއެލްއިން ބުނެއެވެ. އެ ކުންފުނިން ހަމަޖައްސާފައިވާ ގޮތުން އެ ފެލްޓްތަކަށް ކުރިމަތިލެވޭނީ އެ ކުންފުނީގައި ދާއިމީ ވެފައިވާ މުވައްޒަފުންނަށެވެ. އަދި އެ އެޕާޓްމެންޓްތައް ގަތުމަށްޓަކައި މުވައްޒަފުންނަށް ލުއިގޮތެއް ހަމަޖައްސާ ދިނުމަށްޓަކައި ޝޯޓްލިސްޓް ކުރެވޭ މުވައްޒަފުން ބުކިންގ ފީއެއްގެ ގޮތުގައި ދައްކަން ޖެހެނީ 30،000 ރުފިޔާއެވެ. އަދި އެއްކޮޓަރީގެ އެޕާޓްމެންޓަށް ދައްކަން ޖެހޭ ޑައުން ޕޭމަންޓް ހަމަ ކުރުމަށްޓަކައި އެއް އަހަރުގެ މުއްދަތެއް ހަމަޖެއްސިއިރު، ތިން ކޮޓަރީގެ އެޕާޓްމެންޓަށް ދައްކަން ޖެހޭ ޑައުންޕޭމަންޓް ދެ އަހަރު ތެރޭގައި ދެއްކޭނެ ފަދަ ގޮތަކަށް އެ ކުންފުނިން ވަނީ ހަމަޖައްސާފައެެވެ.

އެމްޕީއެލް އިން އަޅާ 14 ބުރީގެ ތިން ޓަވަރުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ސިންގަޕޫރުގެ ޑަބްލިއުއެންޑް އޭ އޯވަސީސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ވަނީ ފަށާފައެވެ.

އެމްޕީއެލް އިން އަޅަނީ 15 ބުރީގެ ތިން ޓަވަރެވެ. މި ތިން ޓަވަރުގައި އެއް ކޮޓަރީގެ 204 އެޕާޓްމެންޓާއި، ތިން ކޮޓަރީގެ 330 އެޕާޓްމެންޓް ހުންނާނެއެވެ. އެއީ ޖުމްލަ 534 އެޕާޓްމެންޓެވެ. މީގެ ތެރެއިން 432 އެޕާޓްމެންޓެއް ހާއްސަކޮށްފައި ވަނީ އެ ކުންފުނީގެ މުވައްޒަފުންނަށެވެ.

. މި މަޝްރުއޫގެ ފުރަތަމަ ފިޔަވަހީގެ ހަތަރު ބުރީގެ މަސައްކަތް މި އަހަރު ތެރޭގަައި ނިންމާލެވޭނެކަމަށާއި އަދި އަންނަ އަހަރު ތެރޭގައި މި ތިން އިމާރާތުގެ ހުރިހާ މަސައްކަތް ނިންމާލެވޭނެކަމަށްވެސް އެ ކުންފުނިން ބުނެއެވެ.