English Edition
Dhivehi Edition

ކ.ވާދޫ އާއި މާލެއާ ދޭތެރޭ ކަނޑުއޮޅިއަށް ބަންޑުން ޖަހާލާފައިވާކަމަށް ރިޕޯޓުކުރި ލޯންޗު، މަސްވެރިކަމަށް ނުކުމެ އުޅުނު ގުޅީ ދޯންޏަކަށް މިއަދު ހެނދުނު ފެނިއްޖެއެވެ.

ބަންޑުން ޖަހާލާފައިއޮތް މި ލޯންޗު އެ ދޯނީގެ މީހުންނަށް ފެނިފައިވަނީ އެނބޫދޫ ކަނޑުއޮޅިން އޮޔާދަނިކޮށް ކަމަށް އެ ދޯނީގެ ފަރާތުން މިއަދު ހެނދުނު 11:37 ހާއިރު ވަނީ އެމްއެންޑީއެފް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް މަޢުލޫމާތު ދީފައިވެއެވެ. އަދި، މި ލޯންޗު ފެނުނުއިރު، އޭގައި އެއްވެސް މީހަކު ނެތް ކަމަށާއި، މިހާރު އެ ލޯންޗު ވަނީ ކ.ގުޅީ ފަޅުތެރެއަށް ވައްދާފައި ކަމަށް ވެސް އެ ދޯނީގެ ފަރާތުން މަޢުލޫމާތު ދީފައިވެއެވެ. އެ ދޯނީގެ ފަޅުވެރިން މިހާރު ދަނީ ބަންޑުން ޖަހާލާފައިއޮތް ލޯންޗު ފެންމައްޗަށް ނެގުމުގެ މަސައްކަތް ކުރަމުންނެވެ.

ލޯންޗެއް ބަންޑުން ޖަހާލައިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބުނީ ރޭ 23:00 ހާއިރު އެވެ. މި ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން ވަނީ ރޭ އެސަރަޙައްދުގައި އެ ލޯންޗު ހޯދުމުގެ މަސައްކަތް ކޮށްފައެވެ.

މި ލޯންޗާ ގުޅޭ އިތުރު ތަޙުޤީޤުތައް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ ކުރަމުންނެވެ.