2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ތެރޭގައި އެތެރޭގެ ޕްރައިމަރީއަކާ ނުލައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ރިޔާސީ ޓިކެޓު ދިނުމަށް ޕީއެންސީގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފިއެވެ.
މި ގަރާރު ކޮންގްރެސްއަށް ހުށަހެޅުއްވީ ޕާޓީގެ މެންބަރު އަބްދުﷲ އިބްރާހީމެވެ. އަތް ހިއްލައިގެން ނެގުނު މި ވޯޓުގައި ބައިވެރިވި 1,119 މެންބަރުންގެ އިއްތިފާގުން ވަނީ މި ގަރާރު ފާސްކޮށްފައެވެ.
އެ ގަރާރުގައިވާ ގޮތުން ޕާޓީގެ މެންބަރަކު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުރެފައި ދެވަނަ ދައުރަކަށް ކުރިމަތިލާން ޕާޓީގެ މެންބަރުންގެ މަޖިލީހަށް ހުށަހަޅައިފިނަމަ ޕްރައިމަރީއަކާ ނުލައި ވެސް ޓިކެޓް ދެވޭނެ ކަމަށް ޕީއެންސީގެ އަސާސީ ގަވައިދުގައިވެއެވެ. މީގެއިތުރުން ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ގައުމުގެ މިނިވަންކަމާއި އިގްތިސާދާއި އިޖުތިމާއީ ދުޅަހެޔޮކަމަށްޓަކައި ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތްޕުޅުތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ޕްރައިމެރީއަކާ ނުލައި އެމަނިކުފާނަށް ޓިކެޓު ދޭންޖެހޭ ކަމަށެވެ.
މިހާތަނަށް ޕީއެންސީގެ ތެރެއިން 2028 ގެ ރިޔާސީ ޓިކެޓަށް އެއްވެސް އިތުރު ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރައްވާފައެއް ނުވެއެވެ.