އައްޑޫ ސިޓީ އަދި ތިނަދޫ ސިޓީގެ ޔުޓިލިޓީ ހިދުމަތްތަކުގެ ހާލަތު ދެނެގަތުމަށް ކުރަންޖެހޭ ސާވޭގެ މަސައްކަތްތައް ސްޓެލްކޯއިން ފަށައިފިއެވެ.
ސްޓެލްކޯއިން މަޢުލޫމާތު ދެއްވި ގޮތުގައި، މުޅި ރާއްޖެއަށް ޔުޓިލިޓީ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާ ގުޅިގެން، އަލަށް ހަވާލުވާ ރަށްރަށުގެ ހާލަތު ދެނެގަތުމުގެ ސާވޭތައް އެ ކުންފުނީގެ ޓީމުތަކުން މިހާރު ދަނީ ކުރަމުންނެވެ.
ކުރިން ފެނަކަ ކޯޕަރޭޝަނުން ދެމުން އައި އެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރަން ނިންމާފައިވަނީ ސަރުކާރުން ރައްޔިތުންނަށް ދެމުން އަންނަ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް، ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަގުސަދުގައެވެ.
މީގެ އިތުރުން، ދެ އަތޮޅެއްގެ ރަށްތަކުގެ ޔުޓިލިޓީ ހިދުމަތްތަކުގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވޯކް ބެލެހެއްޓުމުގެ މަސައްކަތްވެސް މިހާރު ވަނީ ސްޓެލްކޯއާ ހަވާލުކޮށްފައެވެ.