English Edition
Dhivehi Edition

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލު ކަމަށް އެދި 7000 އާއި ގާތްކުރާ އަދަދަކަށް މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ .

ރިޔާސީ އިންތިހާބުގެ އޮފިޝަލުންނަށް ވުމަށް އިލެކްޝަނުން ހުޅުވާލި ފުރުސަތުގައި އެކަމަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި އޮފިޝަލުންގެ ގޮތުގައި ނަގާނީ 4،500 މީހުންކަމަށްވެސް އިލެކްޝަން ކޮމިޝަނުން ފާހަގަ ކޮށްފައިވެއެވެ

އަދި އޮފިޝަލުންގެ ގޮތުގައި ހޮވާނީ ޝަރުތު ހަމަވާ ފަރާތްތަކާއި ވަކި ވަކިންއިންޓަވިއު ކުރުމަށްފަހު، އޮފިޝަލުން ތަމްރީނު ކުރުމަށް ސެޕްޓެމްބަރ މަހުގައި ބާއްވާ ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތައް އެކަނި ކަމުގައިވެސް އިލެކްޝަން ކޮމިޝަނުން ހާމަކޮށްފައިވެއެވެ.

އިންތިހާބީ މަރުކަޒު ތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންގެ ޝަރުތު ތަކުގެ ތެރޭގައި 18 އަހަރު ފުރިފައިވުން، ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުން، އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭނުގައި އަމަލީ ގޮތުން ހަރަކާތްތެރިވާ މީހަކަށް ނުވުމާއި، އެއްވެސް ކެންޑިޑޭޓަކާ އާއިލީ ގޮތުން ގުޅުމެއް ނެތުމާއި، ޖިނާއީ ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ނުވުމުގެ އިތުރަށް އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ކުރެވޭނެ ތައުލީމާއި ތަޖުރިބާ ހުރުމާއި މިފަދަ މަސައްކަތަކަށް ސިއްހީ ގޮތުން ގާބިލް މީހަކު ކަމުގައިވުން ހިމެނެ އެވެ.

އޮފިޝަލު ކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސާ ފަރާތްތަކަށް ވޯޓްލާ ދުވަހު 1،500 ރުފިޔާ، ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް ވޯޓްލާ ދުވަހު 1،200 ރުފިޔާ، އޮފިޝަލުންގެގޮތުގައި ހަރަކާތްތެރިވާ އެނޫން ފަރާތްތަކަށް 1،000 ރުފިޔާ އަދި ރިޒާވް އޮފިޝަލަކަށް 500 ރުފިޔާ ދޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައި ވެއެވެ..