English Edition
Dhivehi Edition

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓް ކަމަށް ޖޭޕީން ކަނޑައެޅި ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމަށް އެޕާޓީން ރަސްމީކޮށް ޓިކެޓް ހަވާލުކޮށްފި އެވެ.

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓް ކަމަށް ޖޭޕީން ކަނޑައެޅި ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމަށް ރަސްމީކޮށް ޓިކެޓު ހަވާލުކުރީ ކުނޫޒުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ރަނިންމޭޓްކަމުގެ ޓިކެޓް ފައިސަލް އާއި ހަވާލުކޮށްދެއްވީ ޖޭޕީގެ ހިންގުމާ މިވަގުތު ހަވާލުވެވަޑައިގެން ހުންނެވި ޖޭޕީގެ ޑެޕިއުޓީ ލީޑަރ ޑރ. ހުސައިން ރަޝީދު ހަސަނެވެ.

މިރަސްމިއްޔާތުގައި ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހިމް ވަނީ ޖަރުމަންވިލާތުގައި ހުންނަވައިގެން ސްކައިޕް މެދުވެރިކޮށް މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ.

މިރަސްމިއްޔާތުގައި ޓިކެޓާއި ހަވާލުވެވަޑައިގަތުމަށްފަހު ވާހަކަފުޅު ދައްކަވަމުން ފައިސަލް ނަސީމް ވިދާޅުވީ، ޖޭޕީގެ މެންބަރުން އެމަނިކުފާނަށް އިތުބާރުކުރައްވާ ރައްޔިތުންނަށް ޚިދުމަތްކޮށްދެއްވުމަށް ފަހިކޮށްދެއްވި ފުރުސަތަށް ޝުކުރު ދަންނަވާ ކަމަށެވެ. ފައިސަލް ވިދާޅުވީ، ކޯލިޝަންގެ މުޅި މަޤްސަދާއިއެކު 23 ސެޕްޓެމްބަރު ގައި ދިވެހިރައްޔިތުން ގެންނަ ބަދަލާއިއެކު މަސައްކަތް ކުރުމުގައި ކެރިގެން ހުންނަވާނެ ކަމަށެވެ.

ފައިސަލް އިތުރަށް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއި އެކު ދިވެހި ޤައުމަށް ހަމަޖެހުން ގެނެސްދެއްވުމަށް ހުރިހާ ރައްޔިތުން ވެސް މަސައްކަތްކުރުން މުހިންމު ކަމަށެވެ. ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓް ފައިސަލް ނަސީމަށް ޓިކެޓް ހަވާލުކުރުމަށް ބޭއްވި މިރަސްމިއްޔާތުގައި ޖޭޕީއާއި އެމްޑީޕީ އާއި އަދާލަތު ޕާޓީގެ އިސްވެރިންނާއި އަދި ރައީސް މައުމޫނަށް ތާއީދުކުރައްވާ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.