English Edition
Dhivehi Edition
ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޒް މުހައްމަދު ފައިސަލް އަދި ހައިކޯޓުގެ ފަނޑިޔާރު އަލްއުޒްތާޒް ހުސައިން ޝަހީދު ހުވާ ކުރައްވަނީ ފޮޓޯ: ޗެނަލް 13

ހައިކޯޓަށް އަލަށް އައްޔަން ކުރެއްވެވި އަލްއުސްތާޒް މުހައްމަދު ފައިސަލް އަދި ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޒް ހުސައިން ޝަހީދު ފަނޑިޔާރުކަމުގެ ހުވާކުރައްވަވައިފިއެވެ. ސުޕްރީމް ކޯޓުގައި އިއްޔެ ބޭއްވި ރަސްމީޔާތުގައި، ހައިކޯޓުގެ ދެ ފަނޑިޔާރުންނަށް ހުވާލައިދެއްވާފައިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޢާނީ މުހައްމަދެވެ.

ހައިކޯޓަށް އަލަށް އައްޔަން ކުރެއްވެވި ހުސެއިން ޝަހީދަކީ މި އަހަރުގެ ޖެނުއަރީ މަހު ކުރިމިނަލް ކޯޓަށް އައްޔަން ކުރެއްވި ފަނޑިޔާރެކެވެ. ކުރިމިނަލް ކޯޓުގެ ގާޒީ ކަމުގައި ޝަހީދު ބެއްލެވި އެންމެ ބޮޑު މައްސަލައަކީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު، ދަށު ކޯޓުތަކަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ކުރި ދައުވާގެ މައްސަލައެވެ.

ހައިކޯޓު އަށް އައްޔަން ކުރެއްވި މެމްބަރު އަލްއުސްތާޒް މުހައްމަދު ފައިސަލް،މިހާތަނަށް ހުންނެވީ ޖުޑީޝަލް ސާރވިސް ކޮމިޝަންގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވި މެމްބަރުގެ ގޮތުގައެވެ.

ފައިސަލާއި ޝަހީދު އައްޔަން ކުރެއްވީ ހައި ކޯޓުގެ ބެންޗުން ހުސްވެފައިވާ ހަތަރު މަގާމުގެ ތެރެއިން ދެ މަގާމަށެވެ.

އެ ކޯޓުގެ ބެންޗުން ހަތަރު މަގާމެއް ހުސްކޮށް އޮތީ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނެސް، ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު 11 އަށް އިތުރު ކޮށްފައި ވާތީ އާއި އެ ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމުންނެވެ.