ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރާ ޕާޓީ ޑުރަގްސް އެތެރެކުރުން އިތުރުވެފައިވާ ކަމަށާއި ރާއްޖެއަށް އެންމެ ގިނައިން މަސްތުވާތަކެތި އަތުލައިގެންފައިވަނީ ޕޯސްޓުގެ މަގުން ކަމަށް ކަސްޓަމްސް އިން މައުލޫމާތު ދީފިއެވެ.
ކަސްޓަމްސް ބިލްޑިންގް ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ޗީފް ސުޕްރިޓެންޑެންޓް، އިންވެސްޓިގޭޝަން އެންޑް ލީގަލް އެފެއާޒް އިސްމާއިލް ހަމްދޫން ވިދާޅުވީ، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން 54 މައްސަލައަކާއި ގުޅިގެން މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.
އިސްމާއިލް ހަމްދޫން އިތުރަށް ވިދާޅުވިގޮތުގައި ޕޯސްޓް މެދުވެރިކޮށް އެންމެ ގިނައިން މަސްތުވާތަކެތި ރާއްޖެ އަށް އެތެރެކޮށްފައި ވަނީ ޖަރުމަންވިލާތް، އިނގިރޭސިވިލާތް، ބެލްޖިއަމް، ކަޒިގިސްތާން އަދި ނެދަލެންޑްސް އިންނެވެ.
ވައިގެ މަގުން މަސްތުވާތަކެތި އެތެރެ ކުރަން އުޅުމުގެ ތެރޭގައި އެންމެ ގިނައިން އަތުލައިގެންފައިވަނީ ބަންގްލަދޭޝް މީހުން ކަމަށް ވެސް ހަމްދޫން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޕޯސްޓުގެ ޒަރިއްޔާއިން އެތެރެކުރަން އުޅުމުގެ ތެރޭގައި އަތުލައިގަތް މަސްތުވާތަކެތީގެ އަދަދު 44 އަށް އަރާއިރު، ވައިގެ މަގުން މަސްތުވާތަކެތި އެތެރެ ކުރަން އުޅުމުގެ ތެރޭގައި އެތަކެތި އަތުލައިގެންފައިވަނީ ނުވަ ފަހަރެއްގެ މަތިންކަމަށާއި ކަނޑު މަގުން މަސްތުވާތަކެތި އެތެރެ ކުރުމުގެ އެއް މައްސަލަ ބަލާފައިވާ ކަމަށެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ފަންސާސް ހަތަރު މައްސަލައަކާއި ގުޅިގެން އެތަކެތި އަތުލައިގެންފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 42 އިންސައްތަ އިތުރު އަދަދެކެވެ.