English Edition
Dhivehi Edition

ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގެ ރަނިން މޭޓަކު ހޮވުމަށް ބޭއްވި ކައުންސިލު ވޯޓުގައި މައްސަލަ އުޅޭ ކަމަށް އެ ޕާޓީގެ ކުރީގެ މެމްބަރު މޫސާ އަންވަރު ޖުމްހޫރީ ޕާޓީއާ ދެކޮޅަށް ކުރި ދައުވާ އަނބުރާ ނަގަން ނިންމާފައިވާ ކަމަށް މޫސާ އަންވަރު ބުނެފި އެވެ.

އިނގިރޭސިވިލާތުން ހިމާޔަތް ހޯދައިގެން އެ ގައުމުގައި ހުންނެވި މޫސާ އަންވަރު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ރަނިންމޭޓު ކަނޑައަޅަން ނެގި ވޯޓުގައި ވޯޓު ކާމިޔާބު ކުރެއްވި ފައިސަލް ނަސީމު އެންމެ ވޯޓެއްގެ ތަފާތުން ކުރި ހޯދާފައިވާ އިރު ދެން އެންމެ ކައިރިން ވާދަ ކުރެއްވި އަލީ ހުސައިނަށް ލިބިވަޑައިގެންނެވި ވޯޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް ބުނެއެވެ.

ޖުމްހޫރީ ޕާޓީގެ ރަނިންގް މޭޓަކަށް އެ ޕާޓީގެ ކައުންސިލުން އިންތިހާބު ކޮށްފައި ވަނީ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމު އެވެ. ފައިސަލްއަށް ލިބުނީ 15 ވޯޓެވެ. އަދި އެ އިންތިހާބުގައި ވާދަ ކުރި އެ ނޫން ކެންޑިޑޭޓުންގެ ތެރެއިން އަލީ ހުސައިންއަށް ލިބުނީ 14 ވޯޓެވެ. ބާތިލު ވޯޓުގައި ދެން ވާދަ ކުރި ތިން ކެންޑިޑޭޓުންގެ ގޮޅީގައި ރަސްގެ ޖެހުމަށް ފަހު އަލީ ހުސައިންގެ ނަމާ ދިމާލުގައި ފާހަގަ ނުޖަހާ އޮތުމަކީ އަލީ ހުސައިންއަށް އެ ވޯޓު ލިބުނުކަމަށް ދޭހަވާނެ ކަމެއް ކަމަށް މޫސާ އަންވަރު ވަނީ ބުނެފަ އެވެ.

މޫސާ އަންވަރު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އެދުމެއްގެ މަތިން ގައުމީ މަސްލަހަތު އިސްކޮށް ޖޭޕީގެ ރަނިންމޭޓް އިންތިޚާބާ ގުޅޭ ގޮތުން އޭނާގެ ފަރާތުން ސިވިލްކޯޓަށް ހުށަހެޅި މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށެވެ. މޫސާ އަންވަރު ވަނީ އިދިކޮޅު ކެންޑިޑޭޓާއި ރަނިންމޭޓު ފައިސަލް ނަސީމަށް ތާއީދު ކުރައްވާނެކަން ވެސް އިއުލާންކޮށްފައެވެ.

ޖޭޕީގެ ޒުވާނުންގެ ގޮފީގެ ރައީސަކަށް ހުންނެވުމަށްފަހު މޫސަ ވަނީ ޕީޕީއެމަށް ސޮއި ކޮށްފައެވެ. މޫސަ އިނގިރޭސިވިލާތަށް ގޮސް ހިމާޔަތް ހޯދާފައިވަނީ އަދީބު ހައްޔަރު ކުރުމުންނެވެ.