އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާ، އެކޮމިޝަންގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބިރުދެއްކުމަށް އިދިކޮޅު ފަރާތްތަކުން ދަނީ މަސައްކަތްކުރަމުންކަމަށް ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.
ޚަލީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އިލެކްޝަންސް ކޮމިޝަންގެ އިދާރާ ކުރިމަތީގައި އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއަކީ ރިޔާސީ އިންތިޙާބަށް ނުފޫޒު ފޯރުވުމަށް ހިންގި ޢަމަލެއްކަމަށެވެ. އަދި ކޮމިޝަންގެ މިނިވަންކަން ނަގާލުމަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތްތައް ޚަލީލް ވަނީ ކުށްވެރިކުރައްވާފައެވެ.
އިލެކްޝަން ކޮމިޝަންގެ މިނިވަންކަން ކުރުމަށް ކަމަށް ބުނެ އެ ކޮމިޝަންގެ ކުރިމަތީގައި އިދިކޮޅު ފަރާތްތަކުން އިއްޔެ ކުރި މުޒާހަރާ ހަރުކަށިކޮށް ކުށްވެރިކޮށް ޚަލީލް ވިދާޅުވީ، އެ މުޒާހަރާއަކީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާއި މުވައްޒަފުންނަށް ބިރު ދައްކައިގެން އެ ކޮމިޝަންގެ މިނިވަންކަން ނަގާލުމުގެ ބޭނުމުގައި ކުރި ކަމެއް ކަމަށެވެ.
އިންތިހާބަށް ނުފޫޒު ފޯރުވަން އިދިކޮޅުން އުޅޭ ކަމަށް ތުހުމަތުކޮށް ޚަލީލް ޓްވީޓެއް ކުރައްވާފައިވާ އިރު، އިއްޔެ އޭނާ ކުރެއްވި އެހެން ޓްވީޓެއްގައި ވަނީ އެމްޑީޕީ އިން ފުރާ ބައެއް ރީ ރެޖިސްޓްރޭޝަން ފޯމްތައް އިލެކްޝަން ކޮމިޝަނަށް ހުށަނާޅާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.
ޑރ. ޚަލީލް ވަނީ އިދިކޮޅު ފަރާތްތަކުން މިފަދަ ޢަމަލުތައް ހުއްޓާލުމަށް ގޮވާލާފައެވެ. އަދި ޤައުމުގެ ހަމަޖެހުމާއި އަމާންކަމަށް ލޯބިކުރުމަށް ޚަލީލް ވަނީ އެދިވަޑައިގެންފައެވެ.
އިންސާފުވެރި އިންތިޙާބެއް ބޭއްވުމަށް އިދިކޮޅު ފަރާތްތަކުންވެސް އީސީއަށް އެއްބާރުލުންދޭން ޖެހޭކަމަށްވެސް ޚަލީލް ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.