English Edition
Dhivehi Edition
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު

ހަރުދަނާ ސިޔާސަތުތަކާއި ގަވާއިދުތަކުގެ ތެރެއިން ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަކީ ސަރުކާރުތަކުގެ މައިގަނޑު އެއް ޒިންމާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2026 އަދި އައިލެންޑް އިންވެސްޓްމަންޓް ފޯރަމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، އަމިއްލަ ވިޔަފާރިތަކަކީ އިންވެސްޓްމަންޓްތަކާއި އީޖާދީ އުފެއްދުންތަކުގެ އިތުރުން ވިޔަފާރީގެ ވިސްނުންތަކާއި ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން، ތަފާތު ހިޔާލުތައް ހަގީގަތަކަށް ހަދައިދިނުމުގެ ގާބިލުކަން ލިބިފައިވާ މައިގަނޑު ބާރެވެ. އެހެންކަމުން ކުދި ޖަޒީރާ ގައުމުތަކަށް މި ހުރިހާ ބާރުތައް އެއް އަމާޒަކަށް ގެނައުމަކީ ކޮންމެހެން މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ޑިޖިޓަލައިޒޭޝަނާއި، އާޓިފިޝަލް އިންޓެލިޖެންސް އާއި، އީ ގަވަނަންސް އަދި ފިންޓެކް ފަދަ ޒަމާނީ ޓެކްނޮލޮޖީތަކަކީ މުޖުތަމައުތައް ގުޅުވައިދީ، ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް އެހީތެރިވެދޭނެ ވަސީލަތްތަކެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. މިއީ އާ އިގުތިސާދީ ފުރުސަތުތައް ތަނަވަސްކޮށްދޭނެ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

“ރާއްޖެއަށް ބަލާއިރު، ޓެކްނޮލޮޖީއަކީ އީޖާދީ އުފެއްދުންތަކުގެ ޒަރީއާއިން އަމަލީ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި، ހިދުމަތްތައް ފޯރުކޮށްދިނުމުގައި ލާމެހިފައިވާ ހަރުދަނާ ނިޒާމެއް ގާއިމުކުރުމުގެ އިތުރުން، އިގުތިސާދީ ކުރިއެރުމަށް މަގުފަހިކޮށްދޭ މުހިންމު ވަސީލަތެއް،” ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.

މި ފޯރަމަކީ ހަމައެކަނި ގޮންޖެހުންތަކާ މެދު މަޝްވަރާކުރުމަށް އޮތް ފުރުސަތެއް ނޫން ކަމަށާއި، މިއީ އާ ފުރުސަތުތައް ދެނެގަނެ، އީޖާދީ ހިޔާލުތަކަށް މާލީ އެހީތެރިކަން ހޯދުމަށް ލިބުނު ފުރުސަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ސަރުކާރުތަކާއި، ވިޔަފާރިތަކާއި، އިންވެސްޓަރުން ގުޅިގެން މަސައްކަތްކުރުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމަކީ 2014 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ އިންޓަނޭޝަނަލް ފޯރަމެކެވެ. މި ފޯރަމްގެ މައިގަނޑު މަގުސަދަކީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ކުރިއެރުމުގައި ދައުލަތްތަކުގެ އިތުރުން، ވިޔަފާރިތަކާއި އިންވެސްޓަރުންގެ ބައިވެރިވުން އިތުރުކުރުމެވެ.