English Edition
Dhivehi Edition

މިމަހުގެ 20 ވަނަ ދުވަހުގެ ރޭ އެކްސިޑެންޓަކާއި ގުޅިގެން ލިބުނު ސީރިއަސް ޒަޚަމްތަކަށް ފަރުވާ ދެމުންދަނިކޮށް ޅ. އޮޅުވެލިފުށީ ހުނވަދުމާގެ އުމުރުން 18 އަހަރުގެ މުހައްމަދު ޖަޒްލާން ޖަލީލް ނިޔާވި އެކްސިޑެންޓް ހިނގީ އެހެން ވެހިކަލެއްގައި ޖެހިގެން ނޫންކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ ޖަޒްލާންގެ މަރާއިމެދު އޭނާގެ ބައެއް ރަހުމަތްތެރިން އުފައްދަމުންދާ ސުވާލުތަކާއި ގުޅިގެން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

މި ބަޔާނުގައި ބުނެފައިވަނީ ޖަޒްލާން އެކްސިޑެންޓްވެފައިވާކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން އެސަރަހައްދަށްގޮސް، ޕިކަޕަަކަށް ލައިގެން ޖަޒްލާން ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށާ ޖަޒްލާން އެންމެ ފުރަތަމަ ގެންގޮސްފައިވަނީ ހުޅުމާލެ ހޮސްޕިޓަލަށްކަމަށެވެ.

ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ ފުލުހުންނަށް ލިބުނު ސީސީޓީވީ ފްޓޭޖަށް ބަލާއިރު، މިހާދިސާ ހިނގާފައިވަނީ ބާރު ސްޕީޑްގައި ސައިކަލް ދުއްވާފައިއައިސް، ބަންޕަރަށް އަރަން އުޅުމުގެ ތެރޭގައި ސައިކަލް ކޮންޓްރޯލްނުވެގެން ކަހާލައިގެން ވެއްޓިކަމަށާ މި ހާދިސާ ހިނގިއިރު، ސައިކަލް ދުއްވަން އިނީ މުހައްމަދު ޖަޒްލާން ޖަލީލް އެކަނިކަމަށެވެ.

އަދި މި އެކްސިޑެންޓް ހިނގަންމެދުވެރިވީ އެހެން އެއްވެސް ވެހިކަލެއް ޖަޒްލާން ދުއްވަންއިން ސައިކަލްގައި ޖެހިގެން ނޫންކަންވެސް ފުލުހުންގެ ތަހުގީގަށް އެނގިފައިވާކަމަށްވެސް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ޖަޒްލާނަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްވެސް އޮތް މީހެއް ނޫންކަމަށާއި މީގެ ކުރިންވެސް ލައިސަންސް ނެތިގެން 6 ފަހަރު ޖަޒްލާނަށް ފިޔަވަޅު އަޅާފައިވާކަންވެސް ތަހުގީގަށް ހާމަވެފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.ޖަޒްލާންގެ މަރާއި ގުޅުންހުރި އެކްސިޑެންޓާއި ގުޅޭ މައުލޫމާތު ފުލުހުން އާންމުކޮށްފައި މިވަނީ ޖަޒްލާންގެ މަރުގައި ފޮރުވިފައިވާ ކަންތައްތަކެއްވާ ކަމަށް އޭނާގެ ރަހުމަތްތެރިން ބުނެފައިވަނިކޮށެވެ.

ފުލުހުން މިއަދު ވަނީ ޖަޒްލާން މަރުވި އެކްސިޑެންޓްގެ ސީސީޓީވީ ފްޓޭޖްވެސް އާންމުކޮށްފައެވެ.