English Edition
Dhivehi Edition

ބުޅި އިސްތަށިގަނޑެއް ލިބުމަކީ ނިއުމަތެކޭ ބުނާ އަޑު އިވެއެވެ. ގުދުރަތީ ބުޅި އިސްތަށިގަނޑެއް އޮންނަ އަންހެންކުދިންނަށް ހިތްކިޔާ މީހުން ވެސް ގިނައެވެ. އެހެންކަމުން އެފަދަ އިސްތަށިގަނޑެއް ރިތިކަންމަތީ އެގޮތުގައި ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހެއެވެ.

ފަން އިސްތަށިގަނޑުތަކާއި ހިލާފަށް ބުޅި އިސްތަށިގަނޑެއް ގެންގުޅުމަކީ އުނދަގޫ ބޮޑު މަސައްކަތެކެވެ. ސަބަބަކީ އިސްތަށިގަޑުގައި ގޮށްޖެހޭ ނިސްބަތް އިތުރުވެ،ތެތްކަންވެސް ކުޑަވާތީއެވެ. އެހެންކަމުން ލިބިފައިވާ އިސްތަށިގަނޑު ރަނގަޅުގޮތުގައި ދެމެހެއްޓުމަށް ވަރަށް ގިނަ ކަންތައްތައް ކުރަން ޖެހެއެވެ.

އެގޮތުން އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ހަނދާނުގައި ބަހައްޓަން ޖެހެނީ ބުޅި އިސްތަށިގަނޑަކީ ކޮންމެ ދުވަހަކު ޝޭމްޕޫ ލާފައި އުގުޅައިގެން ދޮންނަން ޖެހޭ އެއްޗެއް ނޫން ކަމެވެ. އޭގެ ބަދަލުގައި އިސްތަށިގަނޑު ތެތްކޮށް ބޭއްވުމަށް ސަމާލުކަން ދެވިދާނެއެވެ. ހަފްތާއަކު 2 ފަހަރަށް ވުރެ ގިނައިން ބޯ ދޮވުމަކީ ބުޅި އިސްތަށިގަނޑަކަށް އެހާ ރަނގަޅު ގޮތެއްނޫނެވެ. އަދި ބޯ ދޮވެގެން ވެސް އިސްތަށިގަނޑު ތެމިފައިއޮއްވާ ފުނާ އެޅުމަކީ އިސްތަށިގަނޑު ވަރަށް ބޮޑަށް ހަލާކުވާ ކަމެކެވެ.

ބުޅި އިސްތަށިގަނޑުގައި ކޮންމެހެން ފުނާއަޅާކަށް ނުވެސް ޖެހޭނެއެވެ. ނަމަވެސް ފުނާ އަޅަން ބޭނުންނަމަ ވީހާވެސް ދަތްތައް ދުރު ބޮޑު ފުނަލެއް ބޭނުން ކުރެވިދާނެއެވެ. އެންމެ ރަނގަޅު ގޮތަކީ އިނގިލިތައް ބޭނުންކޮށްގެން އިސްތަށިގަނޑު ތަރުތީބު ކޮށްލުމެވެ. ބުޅި އިސްތަށިގަނޑެއްގައި ފުނާ އެޅުމުން އެއިސްތަށިގަނޑުގެ ބުޅިކަން މަޑުމަޑުން ކުޑަވަމުން ދެއެވެ. އަދި ހާއްސަކޮށް އިސްތަށީގެ ބުޑުން ފެށިގެން ކޮޅަށް އެއްވެސް ގޮތަކަށް ފުނާ އެޅުމަކީ ކުރުން ރަނގަޅުކަމެއް ނޫނެވެ.

ބުޅިއިސްތަށިގަނޑު އެގޮތުގައި ބޭއްވުމަށް ބާޒާރަށް ނުކުންނަ ކޮންމެ ބްރޭންޑެއްގެ އެއްޗެއް އުނގުޅާކަށް ނުޖެހެއެވެ. ޙާއްސަކޮށް އިސްތަށިގަނޑު ތެތްކޮށް ބޭއްވުމުގެ ގޮތުން އެކިކަހަލަ ތެޔޮ އުނގުޅުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އޭގެ ބަދަލުގައި ކޮލިޓީ ރަގަޅު ހެއަރ ކޮންޑިޝަނަރ އެއް ބޭނުން ކުރެވިދާނެއެވެ. ބުޅި އިސްތަށިގަނޑަކީ އޭގެ ޒާތުގައި ވެސް ހިކިކޮށް އޮންނަ އެއްޗަކަށް ވުމުން ބޯދޮންނަ ދުވަހު ކޮންޑިޝަނަރ ލުން ވަރަށް މުހިއްމެވެ. އޭރުން އިސްތަށިގަނޑު ރީތިކަންމަތީ މަޑުކޮށް އޮންނާނެއެވެ.

އިސްތަށިގަނޑަށް ލިބިފައިވާ އޭގެ ޤުދުރަތީ އަސްލަށް ބަދަލު ގެންނަން މަސައްކަތް ކުރާނަމަ އޭގެ ރީތިކަން ގެއްލިގެން ދިއުމަށް މަގުފަހި ވެއެވެ. ނާޒުކު އިސްތަށިގަނޑަކީ އެއަށް ކަމޭހިތާ އަޅާލަން ޖެހޭ އެއްޗެކެވެ. ޤުދުރަތީ ބުޅި އިސްތަށިގަނޑެއް ލިބިފައިވާނަމަ އެއަށް ހާއްސަ ސަމާލުކަމެއްދީ ބަލަހައްޓަން ޖެހޭނެއެވެ.