English Edition
Dhivehi Edition

ރޭ މިނިވަން ކަޕް 2018 ގެ ސެމީ ފައިނަލްގައި ކުޅުނު ދެވަނަ މެޗު ގައި ރިސޯޓް ބޯއިސް ޔުނައިޓެޑް ބަލިކުރުމަށްފަހު ޑީކޭސްޕޯޓްސް ފައިނަލަށް ދަތުރުކޮށްފިއެވެ

ރޭ ހުޅުދޫ ފުޓްސަލް ދަނޑުގައި ކުޅުނު މި ފޯރިގަދަ މެޗު ޑީކޭ އިން ކާމިޔާބުކުރީ 7 ލަނޑު 4 ލަނޑުންނެވެ. މި މެޗުގެ ފުރަތަމަ ލަނޑު ރިސޯޓް ބޯއިސްގެ ޔާއްޓޭ އެ ޓީމަށް ކާމިޔާބުކޮށްދީފައިވާއރު މެޗުގެ ސޯޅަވަނަ މިނިޓްގައި ޑީކޭގެ އިއްމޭ ވަނީ އެ ޓީމަށް ލަނޑަށް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ

މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުންވެސް އެއްލަނޑު ޖަހާފައިވާއިރު މެޗުގެ ދެވަނަ ހާފްގައި ޑީކޭ ގެ އިއްމޭވަނީ އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައެވެ. މެޗުގެ އަށާވީސްވަނަ މިނިޓްގައި ރިސޯޓް ބޯއިސްގެ ޗައްނާ އެ ޓީމަށް ކާމިޔާބުކޮށްދިން ލަނޑާއެކު މެޗުގެ ފޯރި އިތުރަށް ގަދަވެގެން ދިޔައިރު މެޗުގެ ތިރީސް ދެވަނަ މިނިޓްގައި މައުޝޫ ނަގައިދިން ހުރަސް ގޯލަށް އަމާޒުކޮށް އިއްމޭވަނީ އިތުރު ލަނޑެއް ޑީކޭ އަށް ކާމިޔާބުކޮށްދީފައެވެ.

މި މެޗުގައި އިއްމޭގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ތިރީސްފަސްވަނަ މިނިޓްގައި ގަބޭ ނަގައިދިން ބޯޅަ ގޯލަށް އަމާޒުކޮށް އިއްމޭ ވަނީ ޑީކޭގެ ލީޑް ފުޅާކޮށްދީފައެވެ،އިއްމޭގެ ލަނޑާއެކު މެޗުގެ ތިރީސްހަވަނަ މިނިޓްގައި ރިސޯޓް ބޯއިސްގެ ލިޔާއު ވަނީ އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ.ލިޔާހުގެ ލަނޑާއެކު ރިސޯޓް ބޯއިސް އަށް ހަމަޖެހިނުލެވެނީސް އިއްމޭ ވަނީ މެދު ރޮނގާ ހަމައިން ފޮނުވާލި ބޯޅަ ގޯލަށް އަމާޒުކޮށް ޑީކޭގެ ފަސްވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައެވެ.

ރިސޯޓް ބޯއިސް އިން ޑިކޭ ގެ ކުޅުންތެރިން ހިފެހެއްޓުމަށް މަސައްކަތްކޮށްފައިވާ އިރު މެޗުގެ ތިރީސް ހަތްވަނަ މިނިޓްގައި އިއްމޭޖެހި ލަނޑާއެކު ޑީކޭ އިންވަނީ ހަމަޖެހިލާފައެވެ. ރިސޯޓް ބޯއިސް އިން މެޗުގެ އެންމެ ފަހު ވަގުތުކޮޅުވެސް އިތުރު ގޯލެއް ޖެހުމަށް މަސައްކަތްކޮށްފައިވާއިރު މެޗުގެ ތިރީސް އަށްވަނަ މިނިޓްގައި ރިސޯޓް ބޯއިސްގެ ހަތަރުވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޔާއްޓޭއެވެ.

ދެ ޓީމްގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ އެންމެ ފަހުވަގުތު ޑީކޭގެ މައުޝޫ ވަނީ އެ ޓިމްގެ ހަތްވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

މިރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޑީކޭ އަށް ހަ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔާ އިއްމޭ އެވެ

25 ވަނަ ދުވަހުގެރޭ މި މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވާއިރު، ފައިނަލްގައި ބައްދަލުކުރާނީ ޑީކޭ ސްޕޯޓްސް ކްލަބާއި ތައްލިހި އެފްސީއެވެ

މިއަހަރުގެ މުބާރާތުގައި ޗެމްޕިއަން ޓީމަށް 35000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށްވަނީ 20000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައެވެ.

މި އަހަރުގެ މުބާރާތުގެ ސޮޕޮންސަރުންނަކީ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯރޓްސް، އައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ މަޖިލީސް މެމްބަރު މުހައްމަދު ޝާހިދު، އައިލެންޑް އެކްސްޕްރެސް، ހުޅުދޫވިޔަފާރިވެރިން ގެ އިތުރުން ހުޅުދޫ ޒުވާނުންނެވެ. އަދި މީޑިއާ ޕާޓްނަރަކީ “އޭއޯ ނިއުސް” އެވެ

،