English Edition
Dhivehi Edition

މުސާރަ އާއި ސާރވިސް ޗާރޖް ކަނޑަ އަޅަނީ މިނިސްޓަރު ނޫން ކަމަށް ވިދާޅުވެ ޤާސިމް އިބްރާހިމް ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދުގެ ދިފާއުގައި ނިކުންނަވައިފިއެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖޭގެ ޓުއަރިޒަމް ހިދުމަތް ފޯރުކޮށްދޭ، ފާހަގަކޮށްލެވޭ ކުންފުނިތަކުން ސާވިސް ޗާޖު ދޭ ގޮތް ރަނގަޅު ކަމަށް ވިދާޅުވުމާ ގުޅިގެން ޓޫރިޒަމްގެ ސިނާއަތުގައި މަސައްކަތް ކުރާ އެތައް ބައެއްގެ ފާޑުކިޔުން އަލީ ވަހީދަށް ވަނީ އަމާޒުވެފައެވެ. އަދި ސޯޝަލް މީޑިއާގައި އަލީ ވަޙީދުގެ އިސްތިޢުފާއަށް ގޮވުމުގެ އަޑުވެސް ވަނީ ގަދަވެފައެވެ.

އެކަމާ ގުޅިގެން ޤާސިމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޓުއަރިޒަމް އިންޑަސްޓްރީއަށް ވިނަމަވެސް އަދި މުވައްޒަފުންނާ ބެހޭ ކަމަކަށްވިނަމަވެސް، އަލީ ވަހީދު ކަންތައް ކުރައްވާނީ އެކަމަށް ގާނޫނީގޮތުން ކުރެވެން އޮތް ގޮތަކަށް ކަމަށެވެ.

އަލީ ވަހީދުގެ ދިފާއުގައި ގާސިމް ނިކުމެވަޑައިންނެވިއިރު މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އަލީ ވަހީދު ދިފާއުކުރައްވާފައެވެ.

އަލީ ވަހީދަށް ތައުރީފުކުރައްވާ ނަޝީދު ވިދާޅުވީ ފާއިތުވި އަހަރެއްހާ ދުވަސްތެރޭގައި ޓުއަރިޒަމް މިނިސްޓްރީއަށް ހެޔޮ ބަދަލު އައިސްފައިވާ ކަމަށާއި، އަލީވަޙީދަށް އެމްޑީޕީގެ ސިޔާސަތު އެނގިލައްވާނެ ކަމަށާއި، އެބޭފުޅާއަށް އިތުބާރު ކުރައްވާ ކަމަށެވެ.