ގާސިމް އިބްރާހީމަކީ ރާއްޖޭގެ ރައީސްކަން ކުރުމަށްޓަކައި ނުވަތަ ތަނެއް ލީޑް ކުރުމަށްޓަކައި އޭގެ ކޮމްޕްލީޓް ޕެކޭޖެއް ހިމެނިގެންވާ ތަޖުރިބާކާރު ބޭފުޅެއް ކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ވީޓީވީ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ޖުމުހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމަކީ މިހާތަނަށް ސިޔާސީ މަސައްކަތުގައި ވެސް އަދި އާންމު ދިރިއުޅުމުގައި ވެސް ދިމާވި އެންމެ ހިތް ބޮޑު، އެ ހިތެއްގައި ގިނަ ބަޔަކަށް ޖާގަ އޮތް، ލިމިޓްލެސް ހިތެއްގެ ވެރިއެއް އަދި އެންމެ އޯގާތެރި ދިވެހި ރައްޔިތު ކަމަށެވެ.
“އޮރަބްލް ގާސިމް އިބްރާހިމްއަކީ ކޮންމެ މީހަކުދޭ ޚިޔާލެއްވެސް އަޑުއައްސަވާ އަދި ޚިޔާލަކީ ގާސިމް އިބްރާހިމްއާ ތަފާތު ޚިޔާލެއް ކަމުގައިވިޔަސް، އެޔަށް ވިސްނަވާ ވަރަށް ޖާގަ ދެއްވައިގެން ޑިމޮކްރަޓިކްކޮށް ނިންމުންތައް ނިންމަވާ ލީޑަރެއް. މިއީ، އެއްވެސް ހާލެއްގައި އެހެން ސިޔާސީ ލީޑަރަކަށް ދަންނަވާ ދެރަބަހެއްނޫންމީ” އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ ގާސިމާއެކީ އެއްޕާޓީއެއްގައި މަސައްކަތް ކޮށްލަން ލިބިގެން މިދިޔަ ދުވަސްކޮޅުގެ ތެރޭގައި ވަރަށް ގިނަ ތަޖުރިބާތަކެއްކުރެވިގެން ދިޔަ ކަމަށާއި ޔުނިވަރސިޓީއަކަށް ގޮސް އެއްޗެއް ދަސްކުރުމަށްވުރެ ގާސިމް އަރިހުގައި ހުރެގެން މަސައްކަތް ކޮށްލިޔަސް ލައްކައެއްޗެއް ދަސްވެގެންދާނެކަމަށެވެ.
“ރެއާ ދުވާލު ކޮންމެ މީހަކަށްވެސް މިއޮންނަނީ 24 ގަޑިއިރު. ގާސިމް އިބްރާހިމްއަށްވެސް އޮންނާނީ 24 ގަޑިއިރު. އެހެންނަމަވެސް، އެމަނިކުފާނު ބޭރުގައި އަރުވާލެވިގެން ދިރިއުޅުއްވަމުން، އާއިލީ ކަންތައްތައް ބަލަހައްޓަވަމުން، ވިޔަފާރީގެ ކަންތައްތައް، ފައުންޑޭޝަންގެ ކަންތައްތައް، މިވީ ދުވަސްކޮޅުގެ ތެރޭގައި ދަރިފުޅު ޖަލުގަ، ވިޔަފާރި ޖަލުގަ، އެކަމަކު އެންމެ ސިކުނޑިއަކުން މިހުރިހާކަމެއް ހަމަޖައްސަވަމުން، ކޯލިޝަން ތެރޭގައި ހުރި އުދާސްތައް ހަމަޖައްސަވަމުން، ދޫދެއްވަމުން، ވަރަށް ބައިވަރު ދޫތައްވެސް ދެއްވި ގާސިމް އިބްރާހިމް. އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ކޮމްޕްލީޓް ޕެކޭޖެކޭ އަޅުގަނޑުމެންގެ ލީޑަރ އޮނަރަބްލް ގާސިމް އިބްރާހިމްއަކީ” އަލީ ވަހީދު ވިދާޅުވިއެވެ.
ރޭގެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަލީވަހީދު ވިދާޅުވީ ކޯލިޝަންގެ މެދުގައި ހުރި ޚިޔާލުތަފާތުވުންތައް އެއްކޮށް ހައްލުކުރެވި ކޯލިޝަން މިހާރު މިއޮތީ ރާއްޖޭގައި މިހާތަނަށް ހެދިފައި ނެތްފަދަ ވަރުގަދަ ކޯލިޝަނެއްގެ ގޮތުގައިކަމަށެވެ
” އިރާދަކުރެއްވިއްޔާ ކޯލިޝަން ދާނީ ކާމިޔާބުކަމާއެކު ކުރިއަށް. މި ކޯލިޝަންގެ ލީޑަރޝިޕްގައި މިތިބީ ވަރަށް ވަރުގަދަ ތަޖުރިބާކާރު ސިޔާސީ ލީޑަރުން. ކޯލިޝަނާ ދިމާއަށް އައި ހުރިހާ ރާޅުތަކެއް މިހާރު މިވަނީ ގިރާކުރެވިފައި. ވަރަށް ބޮޑެތި ކޮމްޕްރޮމައިޒްތަކެއް ސިޔާސީ ޕާޓީތަކުން އައި. ޖުމުހޫރީ ޕާޓީން މި ކޯލިޝަނުން ސަވައިވް ވުމަށްޓަކައި ވަރަށް ބޮޑެތި ދޫތަކެއް ވާނީ ދީފައި. ހަމައެހެންމެ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީން ވެސް ވާނީ ވަރަށް ބޮޑެތި ދޫތަކެއް ދީފައި. ހަމަ އެއާއެކު އަދާލަތު ޕާޓީއަދި ރައީސް މައުމޫން ވެސް ވަނީ މި ކޯލިޝަނަށްޓަކައި ވަރަށް ބޮޑެތި ގުރުބާނީތަކެއް ވެފައި.” އަލީ ވަހީދު ވިދާޅުވިއެވެ.
ޕްރޮގްރާމުގައި އިތުރަށް ވާހަކަ ދައްކަވަމުން އަލީވަހީދު ވިދާޅުވީ އާންމު ރައްޔިތުންނަށާއި ކޯލިޝަނުގެ ބައިވެރިންނަށް ދަންނަވާލަން ބޭނުންވަނީ ކޯލިޝަނުގެ ބޭރުން ކޮންމެ ގޮތަކަށް ކޮންމެ ބަޔަކު ކަންތައްތައް ކުރިކަމުގައި ވިޔަސް އެއްވެސް ފުނޑުފުނޑުވުމެއް ގުޑުމެއްނެތި 23 ސެޕްޓެމްބަރުގައި ބާއްވާ އިންތިޚާބު ﷲ ގެ އިރާދައާއެކު ތަނަވަސް އައުލަބިއްޔަތަކުން ކާމިޔާބު ކުރާނީ ކޯލިޝަނުން ކަމަށެވެ.