މިނިވަން ކަޕް 2018 ގެ ސެމީ ފައިނަލްގައި ރޭ ކުޅުނު ފުރަތަމަ މެޗު ފަހަތުން އަރާ ގައުމު އެފްސީ ބަލިކޮށް ތައްލިހި ކާމިޔާބުކޮށްފިއެވެ
ހުޅުދޫ ފުޓްސަލް ދަނޑުގައި ކުރިއަށް ދިޔަ މި މެޗު ތައްލިހިން ކާމިޔާބުކޮށްފައިވަނީ 5 ލަނޑު 2 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފްގެ ދިހަވަނަ މިނިޓްގައި ގައުމު އެފްސީގެ ޝާކާ ވަނީ އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ. މެޗުގެ އެގާރަވަނަ މިނިޓްގައި ތައްލިހި އެފްސީގެ ޝަމްހާދު ޖެހި ލަނޑާއެކު އެ ޓީމުންވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފްގައި ގައުމު އެފްސީ އިން ގިނަ ހަމަލާތަކެއް އުފައްދާފައިވާއިރު މެޗުގެ ފަނަރަވަނަ މިނިޓްގައި ލިރު ނަގައިދިން ޕާހަކުން ޝާކާވަނީ ގައުމު އެފްސީއަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައެވެ. މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ ތައްލިހި އެފްސީ އަށް ނަތީޖާ ބަދަލުކޮށްލާނެ ފުރުސަތެއް ނުލިބިއެވެ
މެޗުގެ ދެވަނަ ހާފްގައި ތައްލިހި އެފްސީ އިން ގިނަ ހަމަލާތަކެއް އުފައްދާފައިވާއިރު މެޗުގެ ތޭވީސްވަނަ މިނިޓްގައި ރޮނާ ނަގައިދިން ހުރަހަކުން ޝަމްހާދުވަނީ ތައްލިހިއަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. ތައްލިހީގެ ލަނޑާއެކު ދެ ޓީމުންވެސް އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ބަދަލުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާިއރު މެޗުގެ ނަވާވީސްވަނަ މިނިޓްގައި ތައްލިހި އެފްސީގެ ޝިރައްޓޭވަނީ އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ
ރޭ ކުޅުނު ފޯރިގަދަ ސެމީ ފައިނަލްގައި ތައްލިހި އެފްސީގެ އަޔާޒް މެޗުގެ އެއްތިރީސްވަނަ މިނިޓްގައި ޖަހައިދިން ލަނޑާއެކު އެ ޓީމުންވަނީ މެޗުގެ ލީޑް ފުޅާކޮށްފައެވެ. މެޗުގެ ތިރީސްފަސްވަނަ މިނިޓްގައި ތައްލިހި އެފްސީގެ ޝަމްހާދު ޖެހި ލަނޑާއެކު އެ ޓީމުން ވަނީ ބޮޑު ލީޑެއް ނަގާ ގައުމު އެފްސީއަށް އިތުރު ލަނޑެއް ކާމިޔާބުކުރާނެ ފުރުސަތެއް ނުދީ ހިފަހައްޓާފައެވެ
ރޭގެ މެޗުގެ މޮޅު ކުޅުންތިރިޔަކަށް ހޮވިފައިވަނީ ތައްލިހި އެފްސީ އަށް ތިން ލަނޑު ކާމިޔާބުކޮށްދިން ޝަމްހާދުއެވެ
މި މުބާރާތުގެ ފައިނަލް މެޗު 25 ޖުލައި ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާއިރު ފައިނަލްގައި ކުޅޭނީ ތައްލިހި އެފްސީ އާއި ޑީކޭ ސްޕޯޓްސް ކްލަބެވެ.