މިނިވަންކަޕް 2019 ގައި ތައްލިހި އެފްސީ އާއި ރިއަލް އޭޓީ ބައްދަލު ކުރި މެޗު އެއްވަރު ވެގެންނިމިއްޖެއެވެ.
މިރޭ ކުޅުނު މި ފޯރިގަދަ މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވަރުގަދަ މޮޅު ކުޅުމެއް ފެނިގެން ދިޔައިރު މެޗު ފެށިގެން އަށާރަވަނަ ސިކުންތުގައި ތައްލިހި އެފްސީ އިން ވަނީ ލަނޑެއް ޖަހާފައެވެ. ތައްލިހި އެފްސީގެ ލިޔާހު ޖަހެ މި ލަނޑާއެކު މެޗުގެ ފޯރު ގަދަވެގެން ދިޔައިރު މެޗުގެ ދިހަވަނަ މިނިޓްގައި ރިއަލް އޭޓީގެ ސިޔާމްވަނީ ލަނޑެއްޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. ދެ ޓީމުންވެސް މެޗުގެ ލީޑް ފުޅާކުރުމަށް ގިނަ ހަމަލާތަކެއް ފޮނުވާފައިވާއިރު މެޗުގެ ތޭރަވަނަ މިނިޓްގައި ލިރުއާމް ނަގައިދިން ކޯނަރެއް ގޯލަށް އަމާޒުކޮށް ތައްލިހި އެފްސީގެ އިމްރާންވަނީ އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައެވެ.
ފުރަތަމަ ހާފްގައި ތައްލިހިން މެޗުގެ ލީޑް ނަގާފައިވާއިރު ރިއަލް އޭޓީ އިންވަނީ އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބުކުރާނެ ފުރުސަތެއް ނުދީ ޓީމް ހިފަހައްޓާފައެވެ. މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް އޭޓީއިން ގިނަ ހަމާލާތަކެއް އުފައްދާފައިވާއިރު މެޗުގެ ހަތާވީސްވަނަ މިނިޓްގައި އޭޓީގެ އިނާން ޖެހި ލަނޑާއެކު މެޗުގެ ފޯރިވަނީ އިތުރަށް ގަދަވެގެން ގޮސްފައެވެ. މި ގޮތުން ދެ ޓީމުންވެސް މެޗުގެ ލީޑް ނެގުމަށް މަސައްކަތްކޮށްފައިވާއިރު މެޗު ނިމިގެންދިޔައީ ދެ ޓީމަށްވެސް ލަނޑެއް ކާމިޔާބުކުރާނެ އިތުރު ފުރުސަތެއް ނުލިބިއެވެ.
މިރޭގެ މެޗިގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރިއަލް އޭޓީގެ އިނާން އަހްމަދު އެވެ.
މާދަމާވެސް މި މުބާރާތުގެ ތިން މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ގައުމު އެފްސީ އާއި ވައިކިންގްސްއެވެ. މާދަމާރޭ ކުޅޭ ފުރަތަމަ މެޗުގައި ރިސޯޓް ބޯއިސް އާއި ޕޮލިސް ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު ދެވަނަ މެޗުގައި ބައްދަލުކުރާނީ މަލްޓި ޖީނިއަސް އާއި އެމްއެންޑީއެފް އެވެ.