English Edition
Dhivehi Edition

ދަރިން ތަރުބިއްޔަތު ކުރުމަކީ މައިންބަފައިގެން ބޮލުގައި އެޅިފައިވާ އެންމެ ބޮޑު ޒިންމާއެވެ. މި ޒިންމާ އެންމެ ފުރިހަމަކޮށް އަދާކުރުމަށް ވަރަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ވެސް ޖެހެއެވެ. ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމުގައި ވިސްނަންޖެހޭ ވަރަށް ގިނަކަންކަން ހުރެއެވެ. އޭގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ އެދަރިންނަށް އަމިއްލަ ގޮތްތަކަށް އުޅުމަށް މަގުފަހި ކޮށްދިނުމެވެ. އެކަމަށްޓަކައި ވަކި އިންތަކަކާއި އުސޫލުތަކެއް ކަނޑައެޅުމަކީ މައިންބަފައިންގެ ޒިންމާއެކެވެ.

ދަރިން ބޮޑުވެގެން އަންނަ އިރު އެމީހުން ކުރާ ރަނގަޅު ކަންކަން ފާހަގަ ކޮށް އެކުދިންގެ ނިންމުންތަކަށް އިޙްތިރާމް ކުރުމަކީ މައިންބަފައިން ކުރަންޖެހޭ ވަރަށްވެސް މުހިއްމު ކަމެކެވެ. އޭރުން އެކުދިންވެސް އެފަދަ ކަންކަން ދަސްކުރުމަށް މަގުފަހިވެއެވެ. ދަރިންނަށް އެކުދިން މުސްތަޤްބަލުގައި ކުރިއަށް ދާނެ ދާއިރާ ޚިޔާރު ކުރުމާއި އެކުދިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަން ބޭނުންވާ ރަނގަޅު ބަދަލުތައް ގެނައުން ފަދަ ކަންކަމުގައި ގޮތްނިންމުމުގެ ފުރުސަތު ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެބަދަލުތަކަކީ ގޯސްނޫން ކަމަކަށް ވާނަމަ ކޮންމެހެން އެކަމަށް ފާޑުކިޔުން ރަނގަޅެއް ނޫނެވެ. އޭގެ ސަބަބުން ކުދިން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ގެއްލިގެން ހިގައިދާނެއެވެ.

ފުރާވަރު އުމުރުގައި ދަރިން ގެންގުޅޭ ރައްޓެހިންނަކީ ކޮންކަހަލަ ބައެއް ކަން މައިންބަފައިންނަށް ކޮންމެހެންވެސް އެނގެން ޖެހޭނެއެވެ. ސަބަބަކީ އެރަހްމަތްތެރިންގެ މިޒަޖާއި އުޅުމާއި، އަޙްލާޤް ވަރަށް އަވަހަށް ދަރިންގެ ކިބައިގައި އަށަގަންނާނެތީއެވެ. މައިންބަފައިން ހިތްހަމަ ނުޖެހޭ ފަދަ ރަހްމަތްތެރިން ގެންގުޅޭނަމަ އެމީހުންނާއި ދުރުކުރުމަށް މަސައްކަތް ކުރަން ޖެހޭނެއެވެ. ނަމަވެސް މިފަދަ ކަންކަމުގައި ގޮތް ނިންމުމުގައި ވަރަށް ބޮޑަށް ވިސްނަން ޖެހޭނެއެވެ. ފުރާވަރު އުމުރުގައި އެކުދިންގެ މިޒާޖާ ގުޅޭ ގޮތަށް އެމީހުންގެ މިނިވަންކަމާއިއެކު އުޅުމަށް ފުރުސަތު ނުލިބޭނަމަ އެކަމަށް އެހެންކޮންމެވެސް މަގެއް ޚިޔާރު ކުރާނެއެވެ. އެހެންކަމުން އެމީހުން ހިތް ނުރުހޭ ކަމެއް ކުރުވަން ބޭނުންނަމަ އެކަމަށް ތަފާތު އުކުޅުތަކެއް ގެންގުޅެން ޖެހޭނެއެވެ.

ދަރިންނާއި މައިންބަފައިންނާއި ދެމެދު އޮންނަ ގުޅުމަކީ އަބަދު އެއްގޮތަކަށް އޮންނާނެ ގުޅުމެއް ނޫނެވެ. އެހެންކަމުން އެގުޅުން ދެމެހެއްޓުމަށް އެކި ދުވަސްވަރު އެކި ގޮތްތަކެއް ބޭނުންކުރަން ޖެހޭނެއެވެ. ޅައުމުރުގައި ދަރިފުޅު ފޫހިވުމުން އޭނާ އާއި އެކު ގޭމެއް ކުޅެލިނަމަވެސް އޭނާ ބޮޑުވުމުން މިގޮތަށް ކުޅޭ ގޭމަކުން ފޫހިކަން ފިލުވައި ނުލެވިދާނެއެވެ.

ދަރިންނަށް އެމީހުންނާއި ގުޅޭ ކަންކަމުގައި ބަސްބުނުމުގެ ފުރުސަތު ދިނުމަކީ ވަރަށް ގިނަ ރަނގަޅު ނަތީޖާ ނުކުންނާނެ ކަމެކެވެ. އެމީހުންގެ ޚިޔާލާއި އެކުގައި އެމީހުންގެ ކަންކަން ނިންމުމުން އާއިލީ ގުޅުން ބަދަހިވެ، އެދަރިންނަކީ މުހިއްމު ބައެއްކަމަށް އެކުދިން އަމިއްލައަށް ވެސް ގަބޫލުކުރާނެއެވެ. ހަމަ އެއާއި އެކު އެމީހުން ރަނގަޅު މަގު ޚިޔާރު ނުކުރާކަމަށް ބެލެވޭނަމަ އެކަމާއި ވެސް އެމީހުންނާއި ސީދާ ވާހަކަ ދެއްކުން މުހިއްމެވެ. މަޝްވަރާގެ މަތިން ގޮތެއް ނިމިގެން ދިޔުމުން ފުރާވަރު އުމުރުގައި އެކަން ބަލައިގަތުމަށް މަގުފަހިވެގެން ދާނެއެވެ.

ދަރިން ތަރުބިއްޔަތު ކުރުމަކީ ފަސޭހަކަމަކަށް ނުވަނީ މިހެންވެއެވެ. އެމީހުންގެ ތުއްތުއިރުން ފެށިގެން އަމިއްލަ ފައިމައްޗަށް ތެދުވެވެންދެން ހެޔޮނުބައި ވަކިކޮށްދީ ޒިންމާދާރުވާން ދަސްކޮށްދޭން ޖެހެއެވެ. އޭރުން ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތު ކުރެވުމުން އެ ލިބޭ އުފަލާއި ހިތްހަމަޖެހުން ލިބޭނެއެވެ.