އަފްޣާނިސްތާނުގެ ނައިބު ރައީސް އަބްދުލް ރަޝީދު ދޫސްތުމްއަށް އަމާޒުކޮށް ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި 14 މީހުން މަރުވެއްޖެއެވެ.
އަފްޣާނިސްތާނުގެ އިންޓީރިއަރ މިނިސްޓްރީއާއި ހަވާލާދީ ބޭރުގެ މީޑިއާތަކުން ބުނީ، އެ ހަމަލާދީފައިވަނީ ނައިބު ރައީސް ދޫސްތުމް ބޭރު ޤައުމަކަށް ކުރެއްވި ދަތުރުފުޅެއް ނިންމަވާލެއްވުމަށްފަހު ޤައުމަށް އެނބުރި ވަޑައިގެންނެވި ފްލައިޓް ޖެއްސި ވަގުތާ ދިމާކޮށެވެ.
ކާބުލް އިންޓަނޭޝަނަލް އެއާޕޯޓް ކައިރިން ދިން އެ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އެ ޤައުމުގެ ސިފައިންގެ އިތުރުން އާންމުންގެ ބަޔަކު ވެސް ހިމެނޭއިރު، 50 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.
މި ހަމަލާއިން ދޫސްތުމް ސަލާމަތްވެވަޑައިގެންފައިވާއިރު، އެ ޤައުމުގެ ރައީސް އަޝްރަފް ޣަނީ ވަނީ އެ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ. އެ ހަމަލާގެ ޒިންމާ އައި.އެސް ޖަމާއަތުން ވަނީ އުފުލާފައެވެ.