English Edition
Dhivehi Edition

ސުއިސައިޑް ނުވަތަ އެމީހަކު އަމިއްލައަށް މަރުވުމަކީ މިހާރަކަށް އައިސް ދުނިޔޭގައި ވަރަށް އާންމުވެފައިވާ ކަމެކެވެ. ގިނަ މީހުން ޤަބޫލުކުރާ ގޮތުންނަމަ އަމިއްލައަށް މަރުވުމަށް ވަރަށް ގިނަ ސަބަބުތަކެއް ވެއެވެ.

ފުރާނައަކީ އޭގެ ވެރިފަރާތުގެ ޙައްޤަކަށް ވީހިނދު އެއަށް އިޙްމާލުވުމަކީ ދުނިޔެމަތީގައި އިންސާނަކަށް ކުރެވޭނެ އެންމެ ބޮޑު އެއްކުށެވެ. އަދި އެކަމަށް ޖަޒާ ފިޔަވައި އިތުރު އެއްޗެއް ނުވާކަމަށް ދީނުގައި އައިސްފައި ވެއެވެ. ކަންމިހެން އޮތްއިރު އެއްވެސް މީހަކު އަޒާބު ލިބިގަތުމަށް އަމިއްލައަށް މަރުވާކަށް ބޭނުމެއް ނުވާނެއެވެ. އަދި ހަމަ ބުއްދި ހުރެފައި މިފަދަ ކަމެއް ކުރާނެ ކަމަށް އެއްވެސް މީހަކު ޤަބޫލެއް ނުކުރާނެއެވެ. އެހެންކަމުން މިކަމާއި މެދު ފުންކޮށް ވިސްނާލަން ޖެހެއެވެ. އާންމުކޮށް އަމިއްލައަށް މަރުވަނީ ޑިޕްރެޝަން، ބައިޕޯލާ ޑިސްއޯޑަރ، ނުވަތަ ޕާރސަނަލް ޑިސްއޯޑަރ ނުވަތަ ސަބްސްޓެއިންސް އެބިއުސް ނުވަތަ އެހެންވެސް ސިކުނޑީގެ ހަމަ ބުއްދި ފިލާ ދިޔުމުންނެވެ. މީގެ އިތުރުން ފައިސާގެ ދަތިކަމާއި، ދިރިއުޅުމުގައި ތަޙައްމަލު ކުރާ ވޭނުގެ ސަބަބުންނާއި ބުލީކުރުމުގެ ސަބަބުންވެސް އަމިއްލައަށް މަރުވުމަށް ހުށަހެޅިގެން ދެއެވެ. ހަމަ މިއާއި އެކު އަމިއްލައަށް މަރުވުމަށް އެއްފަހަރުވެސް މަސައްކަތްކޮށްފައިވާ މީހެއްނަމަ އެކަން ކުރުމުގެ ފުރުސަތު ބޮޑުކަމަށް ވެއެވެ.

އެކި ޤައުމުތަކުގައި މީހުން އަމިއްލައަށް މަރުވުމަށް އެކި ކަހަލަ އާލާތްތަކާއި އުކުޅުތައް ބޭނުންކުރެއެވެ. އޭގެ ތެރޭގައި އާއްމުކޮށް މިކަންކޮށްފައި ހުންނަނީ ދަންޖެހިގެންނާއި، ވިހައެއް ބޭނުންކޮށްގެންނާއި ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެންނެވެ. 2015 ވަނަ އަހަރުގެ ހިސާބުތަކަށް ބަލާއިރު 828000 މީހުން މުޅި ދުނިޔެއިން އަމިއްލައަށް މަރުވެފައިވާކަމަށް ތަފާސްހިސާބު ތަކުން ދައްކައެވެ. މިއީ 1990 ވަނަ އަހަރާއި އަޅާކިޔާއިރު 712000 މީހުންގެ އިތުރު އަދަދެކެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު 10 ވަނަ އަށް މީހުން މަރުވުމަށް އޮތް ސަބަބުކަމުގައި ބެލެވިފައިވަނީ މިސަބަބެވެ. ދުނިޔޭގެ ކޮންމެ 100000 މީހުންގެ ތެރެއިން 12 މީހުން އަމިއްލައަށް މަރުވާކަމަށް ރިކޯޑް ކުރެވިފައި އޮތުމަކީ ހިތާމަ ހުރި ކަމެކެވެ. އަދި މިކަން އެންމެ އާންމުވެފައި އޮންނަނީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގައެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު އަންހެނުންނަށް ވުރެ ގިނައިން ފިރިހެނުން އަމިއްލައަށް މަރުވާކަމަށް ފާހަގަ ކުރެވިފައި ވެއެވެ. އަދި އުމުރު ފުރާއަށް ބަލާއިރު 15 އަހަރާއި 30 އަހަރާއި ދެމެދުގެ މީހުން ގިނަކަމަށް ބެލެވެއެވެ.

އެކި ދީންތަކުގައި އާއި ޤައުމުތަކުގައި އަމިއްލައަށް މަރުވާ މީހުންނާއި މެދު ދެކޭގޮތް ތަފާތެވެ. އެގޮތުން އިސްލާމް ދީނުގައި އަމިއްލައަށް މަރުވުމަކީ ބޮޑުވެގެންވާ ހަރާމްކަމެކެވެ. ޖަޕާންގެ ސަމޫރާއިން ދެކޭ ގޮތުގައި އަމިއްލައަށް މަރުވުމަކީ އިޙްތިރާމް ލިބިގެންވާ ކަމެކެވެ. ސަބަބަކީ އެއީ އެމީހަކަށް އަމިއްލަ ދިރިއުޅުމަށް އޮންނަ އިތުބާރު ނެތިދިއުމުން ކުރާކަމެއްކަމަށް އެމީހުން ޤަބޫލު ކުރާތީއެވެ. އިންޑިއާގައި ހުވަފަތް އަންހެނާ އޭނާގެ ފިރިމީހާގެ ޖަނާޒާގައި އަމިއްލައަށް އަނދައިގެން ދިޔުމަށް އާއިލާގެ ފަރާތުންވެސް އެދޭކަމަށްވެއެވެ.

ފަހުގެ ތާރީހަށް ބަލާއިރު ބައެއް ޤައުމުތަކުގައި އަމިއްލަ އަށް މަރުވުމަކީ ޤާނޫނީ ގޮތުން ހުއްދަކަމަކަށް ހަދާފައި ވެއެވެ. އަދި ބައެއް އަސްކަރިއްޔާ ތަކުގައި އަމިއްލައަށް މަރުވުމަށް ބައެއް ފަރާތްތަކަށް މަޖުބޫރު ވެސް ކުރާކަމަށްވެއެވެ. އެހެންނަމަވެސް އަމިއްލަ އަށް މަރުވުމަކީ ޖެހިފައިވާ މުޞީބާތުން ސަލާމަތްވުމަށް އޮތް ހައްލުކަމުގައި ޤަބޫލުކޮށްގެން ނުވާނެއެވެ.