English Edition
Dhivehi Edition

ދަންވަރު ޑިއުޓީ ނުވަތަ ރޭގަނޑު ގެ ނިދިނަގާލަައި މުވައްޒަފުން ލައްވާ މައްސަކަތް ކުރުވުމަކީ ވަރަށް ގިނަ ކުންފުނިތަކުން ކުރާކަމެކެވެ. އެކުންފުނިތަކުގެ ޑިމާންޑާއި އެއްވަރަށް އުފެއްދުންތެރިކަން އިތުރުކުމަށް މިކަން ކުރިނަމަވެސް މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. ސަބަބަކީ ރޭގަނޑުގަޑީގައި މަސައްކަތް ކުރުމުން ވަރަށް ގިނަ ސިއްޙީ މައްސަލަތައް ދިމާވެއެވެ.

ރޭގަނޑު ދަންފަޅީގައި މަސައްކަތް ކުރުމުން ޤުދުރަތީ ގޮތުން ހަށިގަނޑުގައި ލައްވާފައިވާ ނިޒާމަށް ވަރަށް ބޮޑު ބަދަލެއް އާދެއެވެ. ހަށިގަނޑު ލައްވާފައި ވަނީ ހަށިގަނޑު އުފެދިފައި ހުންނަ ގޮތުން ދުވާލުގަޑީގައި މަސައްކަތުގައި އުޅުމަށްފަހު ރޭގަނޑު އަރާމް ކުރުމަށެވެ. އެހެންކަމުން ގިނަފަހަރަށް ޤުދުރަތީ ނިޡާމާއި ދެކޮޅަށް މަސައްކަތް ކުރުމަކީ އިންސާނާ ބަލިކަށިވާން ދިމާވާ އެންމެ ބޮޑު އެއް ސަބަބެވެ.

ރޭގަނޑު މަސައްކަތް ކުރުމުގައި އުޅުމަށްފަހު ދުވާލު ނިދި ކަމުގައި ވީނަމަވެސް ނިދީގެ އަރާމް ނުލިބޭނެއެވެ. ހަމަ ނިދި ނުލިބޭނަމަ ހަށިގަނޑުގެ ތެރޭގައި ވިހަ މާއްދާތައް އިތުރުވެ، ލިބޭ ހާނިކަތައް ރަނގަޅު ނުވެ ސްޓްރެސް އަށް ހަށިގަނޑު ހުށަހެޅެއެވެ. އޭގެ ސަބަބުން ހަށިގަނޑާއި ސިކުނޑިއަށް ވަރަށް ގިނަ ބަދަލުތައް އަންނާނެއެވެ.

އަންހެނުންނަށް ބަލާއިރު ރޭގަނޑު ދަންފަޅީގައި ޑިއުޓީ ކުރާ ފަރާތްތަކަށް އުރަމަތީގެ ކެންސަރު ޖެހުމަށް އޮންނަ ފުރސަތު ވަރަށް ބޮޑުކަމަށް ސިއްޙީ މާހިރުން ލަފާދެއެވެ. މީގެ އިތުރުން ބްރިޓިޝް މެޑިކަލް ޖާރނަލް އިން 2012 އަނަ އަހަރު ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ދަންވަރު ޑިއުޓީ ކުރާމީހުންނަށް ހިތުގެ ބަލިތައް ޖެހުމަށް އޮންނަ ފުރުސަތު %7 އިތުރުކަމަށެވެ. މީގެ ސަބަބެއްކަމަށް ބުނެފައިވަނީ ނިދުމަށް އަންނަ ބަދަލުގެ ސަބަބުން ލޭގެ ޕްރެޝަރާއި ލޭގެ ހިނގުމަށް ބަދަލުއަންނާތީ އެވެ. ނިދުމަށް މިގޮތަށް އަންނަ ބަދަލުގެ ސަބަބުން ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ނަފްސާނީ ގޮތުން އަންނަ ބަލިކަށިވުމެވެ. ވަރަށް ގިނަ ހޯދުންތަކުން ދައްކާގޮތުން މިގޮތަށް ނިދުމަށް އަންނަ ބަދަލުގެ ސަބަބުން ޑިޕްރެޝަން އާއި މޫޑް ޑިސްއޯޑަރ ފަދަ ބަލިތައް އާންމުވެއެވެ.

ސިއްހީ އިތުރު މައްސަލައަކަށް ބަލާލާއިރު ރޭގަނޑު ނިދި ނަގާލައި މަސައްކަތް ކުރުމުން ހޯމޯންސްތަކަށް ބޮޑެތި ބަދަލުތައް އައިސް ހަށިގަނޑުގެ ހެލިފެލިވެ އުޅުމަށް ވެސް ބަދަލުތައް އަންނަކަމަށް ވެއެވެ. މީގެ ސަބަބުން ބަރުދަނަށް ވެސް ބަދަލު އައިސް، ހަކުރުގެ މިންވަރު ހަށިގަނޑުގައި އިތުރު ވެގެން ދެއެވެ. އޭގެ ސަބަބުން ހަކުރު ބައްޔާއި ހަށިގަނޑު ބަރުވުމުން ޖެހޭ ބަލިތައް ޖެހުމަށް އޮތް ފުރުސަތު ބޮޑުވެގެން ދެއެވެ.

ކުރު ގޮތަކަށް ބުނާނަމަ ރޭގަނޑު މަސައްކަތް ކުރުމަކީ ހަށިގަނޑުގެ ނިޒާމަށް ބޮޑު ބަދަލުތައް އައިސް އެނިޒާމް އޮޅުން ބޮޅުން ވެގެންދާކަމެވެ. އެހެންކަމުން މުވައްޒަފުން ލައްވާ ރޭގަނޑުގައި މަސައްކަތް ކުރުމަށްވުރެ އެފަރާތްތަކުގެ ސިއްޙަތަށް ގެއްލުން ނުވާނެހެން އަދި މަސައްކަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ދުވާލު މަސައްކަތް ކުރެވޭނެ ނިޒާމެއް އޮތުން މުހިއްމެވެ.