English Edition
Dhivehi Edition

ގިނަ ފިރިހެނުންނަކީ ފެޝަނަށް ލޯބިކުރާ ބައެކެވެ. އެގޮތުން އެންމެ ފަހުގެ ގޮތްތަކަށް އަބަދުވެސް ހޭނުމަށް މަސައްކަތް ކުރެއެވެ. ނަމަވެސް ބައެއް ފަހަރު ގިނަ މީހުންނަށް މިކަން ކުރެވިފައި އޮންނަނީ އެންމެ ރަނގަޅަކަށް ނޫނެކޭ ވެސް ބުނެވިދާނެއެވެ.

ޒަމާނަށް އަންނަ ބަދަލާއި ގުޅިގެން އަރާ ފައިވާނަކީ ބައެއް ފިރިހެނުން ވަރަށް އިސްކަމެއް ދޭ އެއްޗެކެވެ. ސަބަބަކީ ފިރިހެނުން އަރާފައި ތިބޭ ފައިވާނުގެ ސަބަބުން އެމީހުންގެ މިޒާޖު ވަރަށް އަވަހަށް އެނގޭ ކަމަށް ގިނަ އަންހެނުން ބުނާތީ އެވެ. އެގޮތުން އާދައިގެ ފެންފައިވާން ލައިގެން ތިބޭ ފިރިހެންނުންނަކީ ހީވާގި ބައެއް ނޫންކަމަށް ބުނާއިރު ބޫޓަށް އަރާފައި ތިބޭ ފިރިހެނުން ނަކީ ވަރަށް ހަރަކާތްތެރި ބައެއްކަމަށް ވެއެވެ. އަދި ހަވީރީ ފައިވާނަށް އަރާ މީހުންނަކީ ހިތްހެޔޮ މީހުންގެ ގޮތުގައި ދެކެވެއެވެ.

އާއްމުކޮށް ބޮޑު ސޯޓަކީވެސް ބައެއް ފިރިހެނުން ވަރަށް ލާހިތްވާ އެއްޗެކެވެ. އެހެންނަމަވެސް ގިނަ އަންހެނުންނަށް އެއީ އެހާ ހިތްގައިމު އެއްޗަކަށް ނުވެއެވެ. އަރިމަތީގައި ޖީބު ލާފައި ހުންނަ ޒާތުގެ ބޮޑު ސޯޓް ލާ ފިރިހެނުންނަކީ މަސައްކަތައް އިސްކަންދޭބައެއްކަމަށް ދެކޭ މީހުން ގިނައެވެ. އެހެންނަމަވެސް ސްޕޯޓް ސޯޓް ލާ ފިރިހެނުން ދެކެ ގަޔާވާ މީހުން ގިނައެވެ.

އެކި އެކި ރަސްމިއްޔާތުތަކަށް ފިރިހެނުން ހެދުން އަޅާ ގޮތުންވެސް ވަރަށް ގިނަ ގޮތްގޮތަށް ވާހަކަ ދެކެވެއެވެ. ބޮޑެތި ރަސްމިއްޔާތްތަކަށް ދާއިރު ޓައި އާއި އެކު ޖީބަށް ޖަހާ ރުމާ އެއްކުލައެއްގައި ހުރުމުން ބައެއް މީހުން ގަޔާނުވާތަން އާދެއެވެ. އެގޮތުން އެމީހަކީ މާ އާދައިގެ ގޮތަކަށް ހެދުން އަޅާ މީހެއްގެ ގޮތުގައި ބެލެވިގެން ދެއެވެ. ކޯޓް ފަޓްލޫން ލާނަމަ ކަޅު އިޙްތިޔާރު ކުރުމުން ގިނަ މީހުންގެ ލޯބި ލިބޭކަމަށް ވެއެވެ.

އިސްޓާކީނަކީވެސް މީހާގެ ސާފުތާހިރުކަން ދައްކުވައިދޭ އެއްޗެކެވެ. ސާފު ހުދު އިސްޓާކީން ލައިގެން ތިބޭ ފިރިހެނުންދެކެ ގަޔާވާ މީހުން ގިނަ ވާއިރު ކުރު އިސްޓާކީން ލުން ބުއްދިވެރި އެއް ނޫނެވެ. އިސްޓާކީން ލާފައި ތިބޭއިރު ފައިގެ އިސްތަށިތައް ފެންނަން ހުރުމުން ބައެއް މީހުން ގަޔާ ނުވާކަމަށް ބުނެއެވެ.

ގަމީސް ލާއިރު ގިރުއާނު ބޮޑު ގަމީސް ލުމަކީ ފެޝަނެއްކަމަށް ގިނަބަޔަކު ނުދެކެއެވެ. އަދި ގަމީހުގެ ގޮށްތައް ނައްޓާފައި ހުންނަނަމަ އެއާއި އެކު ޓައިއެއް އެޅުން ވެސް ކަމު ނުދާކަމަށް ވެއެވެ. އަދި އެޓައި އަކީ ދޫކޮށް އަޅާފައި އޮންނަ އެއްޗެއްކަމުގައި ވިޔަސްމެވެ. ބޭރުތެރޭގައި އުޅޭއިރު އާދައިގެ ހެދުމާއި އެކު ކުޅިވަރީ އެޅުމަކީ ވެސް މީހުން ގަޔާވާ ސިފައެއް ނޫންކަމަށް ވެއެވެ. އަދި ޖާރޒީ ލައިގެން ފިރިހެނުން އުޅުމަކީ ކަމުދާގޮތެއް ނޫންކަމަށް ވެސް ބުނާ މީހުން މަދެއް ނޫނެވެ.

ބައެއް ފިރިހެނުން ޤަބޫލު ކުރާ ގޮތުގައި އެމީހުން އަޅާ ހެދުމަކީ އެމީހުންގެ އަމިއްލަ އިޙްތިޔާރުގައި އަޅާ ހެދުންތަކެކެވެ. އަދި އެމީހެއްގެ މިޒާޖާއި އެއްގޮތަށް އަޅާ އެއްޗެކެވެ. އެހެންނަމަވެސް އެމީހުން އަޅާ ހެދުމުގެ ސަބަބުން އެހެންމީހުން އެމީހުންނާއި ދޭތެރޭގައި ދެކޭގޮތް ވަރަށް ބޮޑަށް ބަދަލުވެގެންދާކަން އެނގެނީ މަދުބަޔަކަށެވެ. ފިރިހެނުން ވާންޖެހެނީ މުޖުތަމަޢު ތެރޭގައި ޤަދަރާއި އިޙްތިރާމް ލިބިގެންވާ ބަޔަކަށެވެ.