މިނިވަންކަޕް 2018 ގައި ކެނެރީފް އާއި ރިސޯޓް ބޯއިސް ޔުނައިޓެޑް ކުޅުނު މެޗު 3-3 ލަނޑުން އެއްވަރުވެއްޖެއެވެ.
މިރޭ ހުޅުދޫ ފުޓްސަލް ދަނޑުގައި ކުޅުނު މި މޗުގެ ފުރަތަމަ ލަނޑު މެޗުގެ ހަތްވަނަ މިނިޓްގައި ރިސޯޓް ބޯއިސްއަށް ކާމިޔާބުކޮށްދިނީ ޔާއްޓޭއެވެ. ދެ ޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ކެނެރީފްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ ސަތާރަވަނަ މިނިޓްގައި އިންޝާލް(އިންޓޭ)އެވެ.
ރިސޯޓް ބޯއިސްގެ ދެވަނަ ލަނޑު މެޗުގެ ސައުވީސްވަނަ މިނިޓްގައި ޔާއްޓޭ ކާމިބުކޮށްދިން އިރު އެ ޓީމުގެ އައްޔަވަނީ މެޗުގެ 28 ވަނަ މިނިޓްގައި އިތުރު ލަނޑެއް ކާމިޔާބުކޮށްދީ މެޗުގެ ލީޑުފުޅާކޮށްފައެވެ
މިރޭގެ މެޗުގައި ކެނެރީފް ޓީމަށް ލަނޑުޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބިފައިވާއިރު މެޗުގެ ތިރީސްވަނަ މިނިޓްގައި އާލިއްޕެ ވަނީ އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ. ކެނެރީފުން މެޗުގެ ނަތީޖާ އެއްވަރުކުރުމަށް މަސައްކަތްކޮށްފައިވާއރު ރިސޯޓް ބޯއިސްއިންވަނީ ޓީމްގެ ޑިފެންސް ވަރުގަދަކޮށްފައެވެ. އެހެން ނަމަވެސް ކެނެރީފުން ވަނީ ރިސޯޓް ބޯއިސްގެ ޑިފެންސް ފޫ އަޅުވާލުމަށްފަހު މި މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. ކެނެރީފްގެ ތިން ވަނަ ލަނޑު އެ ޓީމަށް ޖަހައި ދީފައިވަނީ އާލިއްޕެއެވެ
މިރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރިސޯޓް ބޯއިސްގެ ޔާއްޓޭއެވެ
މިރޭ މި މުބާރާތުގައި އެއިލެންޑް އެފްސީ އާއ ޑީކޭ ސްޕޯޓް ކުޅެންހަމަޖެހިފައިވާ މެޗު ވިއްސާރަވުމުގެ ސަބަބުން މާދަމާ ހަވީރު ހަތަރެއް ޖަހާއިރު ކުޅުމަށްވަނީ ހަމަޖެހިފައެވެ
މުބާރާތުގައި މާދަމާ ހަވީރު ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރަނީ ގައުމު އެފްސީ އާއި ޓީމް ވެމްކޯއެވެ. ރޭގަނޑު ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމަ މެޗުގައި ކެނެރީފް އެފްސީ އާއި ޒެލޯން ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު މަދަމާރޭ ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ދެކުނު އެފްސީ އާއި ރިސޯޓް ބޮއިސް ޔުނައިޓެޑްއެވެ
މި މުބާރާތުގައި ކޮންމެ ދުވަހަކު ހަވީރު އެއް މެޗު ، ރޭގަނޑު ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު މުބާރާތުގެ ފައިނަލް އޮންނާނީ 25 ޖުލައި 2018މި ގައެވެ.
. މިއަހަރުގެ މުބާރާތުގައި ޗެމްޕިއަން ޓީމަށް 30000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށްވަނީ 20000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައެވެ.
މި އަހަރުގެ މުބާރާތުގެ ސޮޕޮންސަރުންނަކީ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯރޓްސް، އައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ މަޖިލީސް މެމްބަރު މުހައްމަދު ޝާހިދު، އައިލެންޑް އެކްސްޕްރެސް، ހުޅުދޫވިޔަފާރިވެރިން ގެ އިތުރުން ހުޅުދޫ ޒުވާނުންނެވެ. އަދި މީޑިއާ ޕާޓްނަރަކީ “އޭއޯ ނިއުސް” އެވެ