ފްރާންސްގެ ތަރި ޕައުލް ޕޮގްބާ ދޫކޮށްލަން އުޅޭކަމަށް ދެކެވޭ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށާއި އޭނާ ވިއްކާ ކުޅުން ތެރިއެއް ނޫން ކަމަށް ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
މި ޓްރާންސްފާގައި އަލުން މެންޗެސްޓާ ޔުނައިޓެޑުން ޕޮގްބާ އިޓަލީގެ ޔުވެންޓަސްއަށް ވިއްކާލަން އުޅޭކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓް ކުރި ނަމަވެސް މޮރީނިއޯ ބުނީ ޔުނައިޓެޑްގައި ޕޮގްބާ ތަފާތު ދައްކާނެ ކަމަށާއި އަންނަ ސީޒަންގައި އޭނާގެ ޕްލޭންގައި ހިމެނޭ އެންމެ މުހިންމު ކުޅުން ތެރިޔަކީ ވެސް ޕޮގްބާކަމަށް މޮރީނިއޯ ބުނެފައިވެއެވެ.
މޮރީނިއޯ ބުނީ”ޕޮގްބާ އަކީ ދުނިޔޭގެ ޗެމްޕިއަންކަން ފްރާންސް ހޯދުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔާ ކަމަށާއި އޭނާ ވޯލްޑް ކަޕްގައި އެ ދެއްކި ކުޅުމަށް ބަލާފައިވެސް އެއްވެސް ކޯޗަކު އެވަރު ކުޅުންތެރިޔަކު ވިއްކާނުލާނެކަމަށާއިވޯލްޑް ކަޕްގައި ކުޅުނު ފެންވަރުގައި ކުރިއަށް އޮތް ސީޒަނުގައި ވެސް ތަކުރާރު ކުރާނެ ކަމަށް އުންމީދު ކުރާކަމަށް” ށެވެ.
މޮރީނިއޯ ބުނީ އޭނާއަށް ޕޮގްބާގެ މުސްތަގުބަލާ ބެހޭ ގޮތުން ތަފާތު އެކި ގޮތް ގޮތަށް މީޑިޔާގައި ވާހަކަތަކެއް ދެކެވޭތަން ފެންނަކަމާށާއި އެކަމަކު އޭގައި ހަގީގަތެއް ނެތްކަމަށެވެ.
2016 ވަނަ އަހަރު އިޓަލީގެ އެންމެ ކާމިޔާބު ޓީމް ޔުވެންޓަސް ދޫކޮށް ޕޮގްބާ ޔުނައިޓެޑަށް ބަދަލުވ116 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އެއް ދައްކައިފަ އެވެ.
އަންނަ މަހު 11 ވަނަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގު ފަށާއިރު އާ ސީޒަނަށް ތައްޔާރުވުމަށް ޔުނައިޓެޑްއިން ވަނީ މިހާރު އެމރިކާގައި ކޭމްޕް ކޮށްފައެވެ.އެހެން ނަމަވެސް ވޯލްޑް ކަޕް ފައިނަލްގައި ކުޅުނު ޔުނައިޓެޑްގެ ކުޅުންތެރިން ޓީމާއި ގުޅޭނީ ކުރު ޗުއްޓީއަކަށް ފަހުގައެވެ.
ޔުނައިޓެޑުން ޕްރީ ސީޒަނުގައި ކުޅޭ ފުރަތަމަ މެޗުގައި ހުކުރު ދުވަހު ބައްދަލުކުރާނީ ކްލަބް އެމެރިކާއާ އެވެ. މި ޓުއާގައި ޔުނައިޓެޑުން ސެން ހޯސޭ އާތުކުއޭކްސް، އޭސީ މިލާން، ލިވަޕޫލް އަދި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.