English Edition
Dhivehi Edition

ދިވެހި ސަތޭކަ މުވައްޒަފުން ހަމަވާ ހުރިހާ ރިސޯޓްތަކުގައި ވޯޓް ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނިންމުން މިގޮތަށް ބަދަލުކޮށްފައި މިވަނީ، 250 ދިވެހިން ހަމަވާ ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓަން އެ ކޮމިޝަނުން ނިންމުމާއި ގުޅިގެން ސިޔާސީ ޕާޓީތަކުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ރިޔާސީ އިންތިޚާބުގައި ރިސޯޓްތަކުގައި ވޯޓް ފޮށި ބެހެއްޓުމަށްޓަކައި މީހުން ރަޖިސްޓްރީ ވާން ޖެހޭނެ ކަމަށް ކޮމިޝަނުން ކަނޑައަޅާފައިވާ އަދަދު މުރާޖައާ ކުރުމަށްފަހު 100 ދިވެހިން ވަޒީފާ އަދާކުރާ ރިސޯޓްތަކުގެ ތެރެއިން ވޯޓް ފޮށި ބެހެއްޓުމަށް އެއްބަސްވެފައިވާ ރިސޯޓްތަކުގައި ރީ ރެޖިސްޓްރީ ވުމަށް ފުރުސަތު ހުޅުވާލުމަށް ނިންމާފައެވެ.

މީގެކުރިން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ޖުމްލަ 7 ރިސޯޓެއްގައި ވޯޓުފޮށި ބެހެއްޓުމަށެވެ. އެހެން ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ރޭ ގެނައި ބަދަލާއެކު ވޯޓުފޮށި ބަހައްޓާ ރިސޯޓުތަކުގެ އަދަދު އިތުރުވެގެން ދާނެއެވެ.

އީސީން ބުނީ އެގޮތަށް ނިންމީ 250 ދިވެހިން ހަމަވާ ރިސޯޓުތަކުގައި އެކަނި ވޯޓު ފޮށި ބަހައްޓަން އެކޮމިޝަނުން ނިންމުމާ ގުޅިގެން ގިނަ ސިޔާސީ ޕާޓީތަކުން އެކަމާ ކަންބޮޑުވުން ފާޅުކުރުމުން، އެކަންކަން ބަލާ މުރާޖާ ކުރުމަށްފަހު ކަމަށެވެ. އަދި ރިޔާސީ އިންތިޙާބުގައި ވީހާވެސް ގިނަ ފަރާތްތަކަށް ވޯޓް ދިނުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމުގެ ގޮތުން ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްލަ 452 ވޯޓް ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު، ރިސޯޓްތަކުގައި ބަހައްޓަން ކުރިން ނިންމާފައިވަނީ ހަތް ވޯޓު ފޮށްޓެވެ. އެކަމާއި ގުޅިގެން ރިޒޯޓުތަކުގައި ބަހައްޓާ ވޯޓު ފޮށިތަކުގެ އަދަދު މަދުކަމަށް ބުނެ ވެރިކަން ކުރާ ޕީޕީއެމް އާއި އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން ރޭ ވަނީ ސިންގަޕޫރާއި ނިއު ދިއްލީގައިވެސް ވޯޓުފޮށި ބެހެއްޓުމަށް ނިންމާފައެވެ