English Edition
Dhivehi Edition

ރައްޔިތުންނާއެކީގައި ރައްޔިތުން އެދޭގޮތަށް އިޚްލާސްތެރިކަމާއެކު ކުރިއަށްދާން ބޭނުންވާ ބަޔަކު މިއަދު ވެސް ރާއްޖޭގައި އެބަތިބި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ތިލަދުންމަތީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ހއ. ބާރަށަށް ވަޑައިގެން އެރަށުގައި މެރީނާ ގޮތަށް ހަދާފައިވާ ޖެޓީ ރަސްމީކޮށް ހުޅުއްވައިދެއްވުމުގެ ގޮތުން ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ހަވީރު ހއ.ބާރަށުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރިއަށްދިއުމުގެ ޢަޒުމާއި ރޫޙު ހުރެގެން ނޫނީ ކުރިއެރުމެއް ނުލިބޭނެ ކަމަށާއި، ރާއްޖެއިން ކުރާ ކަންކަމަކީ ދުނިޔެއަށް މިސާލު ދައްކަމުން ކުރަމުން ގެންދާ ކަންތައްތަކެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ ރައްޔިތުންގެ ޙައްޤުގައި ކުރަންޖެހޭ މަސައްކަތްތައް ކުރަންޖެހޭ ކަމަށާއި، ރައްޔިތުންގެ ސަލާމަތްތެރިކަން ކަށަވަރުކޮށްދިނުމަކީ ރައްޔިތުންގެ އެންމެ ބޮޑު އެއް އެދުން ކަމަށެވެ. އަދި މުޅި ރައްޔިތުންގެ ޙައްޤުގައި ކުރަންޖެހޭ ކަންކަން ކޮށްގެން ނޫނީ ރައްޔިތުންނަށް ޞުލްޙަވެރި ދިރިއުޅުމެއް ނުލިބޭނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިސަރުކާރަށް ދިމާވި އެކި ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މިހިނގާ ރިޔާސީ ދައުރަކީ ފަސޭހަ ދައުރެއް ނޫންކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެއިތުރުން އިޤްތިޞާދީ ގޮތުން ދިވެހިރާއްޖެ އާރާސްތުކޮށް، ރައްޔިތުން އެދޭ ތަރައްޤީ ރާއްޖެއަށް ގެނައުމަށް މިސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައިވެއެވެ. އަދި ރާއްޖެއަށް އަންނަމުންދާ ތަރައްޤީއާއެކު ކުރިމަގުގެ ޒުވާނުން އިންޓަރނެޓަށް އަހުލުވެރި ބަޔަކަށް ހެދުމަށްޓަކައި ތަޢުލީމީ މުޤައްރަރުގެ ތެރެއިން ޓެބްލެޓާއެކު ޒަމާނީ ތަޢުލީމެއް ދިނުމަށް ކުރަމުންދާ މަސައްކަތްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ތިލަދުންމަތީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި ހދ. ނޮޅިވަރަމަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވާދެއްވާފައިވެއެވެ. އަދި ހއ. ހޯރަފުއްޓަށް ވަޑައިގެން އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިންމުން ފާހަގަކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން، ހއ. އިހަވަންދޫއަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ވަނީ ފައްޓަވައިދެއްވައިފައެވެ.

މީގެއިތުރުން މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ހއ. ދިއްދޫއަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ރައްކާތެރި ބޯފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައި، ދިއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައި، ދިއްދޫ މަގު ހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކޮށްދެއްވައި، ދިއްދޫގައި ހަދާފައިވާ ހައުސިންގ ޔުނިޓްތައް ހުޅުއްވައިދެއްވައިފައެވެ. އަދި ހއ. ކެލައަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ވެސް ރަސްމީކޮށް ވަނީ ފަށްޓަވައިދެއްވާފައެވެ. މީގެއިތުރުން މާދަމާ ހދ. ހަނިމާދޫއަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.