English Edition
Dhivehi Edition

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ޓީސީ ސްޕޯޓްސް ކުލަބް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޓީސީ ތާވާލްގެ އެއްވަނަ މަގާމަށް ޖެހިލައިފިއެވެ.

ލީގުގައި އިއްޔެ ހަވީރު ވަރުގަދަ މާޒިޔާ ސްޕޯޓްސް އާއި ވާދަކޮށް ޓީސީ މެޗު ކާމިޔާބުކޮށްފައިވަނީ 3-0 ލަނޑުންނެވެ.

މިނަތީޖާ އާއި އެކު ފ. ނިލަންދޫ ބަލިކޮށް އެއްވަނާގައި ކުރިން އޮތް ގްރީންސްޓްރީޓް ދެވަނަ އަށް ވެއްޓިފައިވާއިރު ޓީސީ އަލުން އެއް ވަނަ އަށް އެރީ ހަތަރު މެޗުން ހޯދި 12 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް ހަތަރު މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ. ތިން ވަނައިގައި ނިއު ރޭޑިއަންޓް އޮތީ ތިން މެޗުން ހަތް ޕޮއިންޓާ އެކު އެވެ.

މިދިޔަ ދެ ސީޒަންގައި ވެސް ލީގުގެ ދެވަނާގައި އޮވެ ސީޒަން ނިންމާލި ޓީސީއިން މިސީޒަނުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިވެފައި ނުވާއިރު އިއްޔެގެ މެޗުގައި ޓީސީއިން ވަނީ ވަރުގަދަ މާޒިޔާ ދެ ކޮޅަށް މޮޅު ކުޅުމެއް ދައްކާފައެވެ.

އިއްޔެ ކުޅުނު މިމެޗު ފަށައިގެން މޮޅަށް ކުޅެ ގިނަ ހަމަލާތަށް މާޒިޔާއިން ޓީސީގެ ގޯލާއި އަމާޒުކޮށް ފޮނުވާލި ނަމަވެސް މެޗުގެ 28 ވަނަ މިނިޓްގައި ޓީސީން ވަނީ އިބްރާހިމް މަހުދީ (ހަބޭސް އިއްބެ) ކާމިޔާބުކުރި ލަނޑުން މެޗުގެ ލީޑުނަގާފައެވެ.މި ލަނޑަކީ މާޒިޔާގެ ފަހަތަށް ކުޅޭ ސަމުއްޓެ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އިއްވެ ކާމިޔާބު ކުރި ގޯލެކެވެ.

މި ލަނޑާއި އެކު ޓީސީއިން ވަނީ މެޗުގެ ކޮންޓުރޯލް ހޯދާއި މާޒިޔާގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފައެވެ. ނަތީޖާ އެއްގެ ގޮތުން ޓީސީއިން ވަނީ ފުރަތަމަ ހާފްގެ 38 ވަނަ މިނިޓްގައި މެޗުގެ ދެވަނަ ލަނޑު ޖަހައި މެޗުގެ ލީޑު ފުޅާކޮށްފައެވެ.މި ލަނޑުވެސް ޓީސީއަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ޖަހައިދިން ހަބޭސް އިއްބެ އެވެ.

މި ލަނޑާއި އެކު ފުރަތަމަ ހާފް 2-0 ލަނޑުން ޓީސީ ނިންމާލި އިރު ޓީސީ އިން ވަނީ ދެވަނަ ހާފްގައި ވެސް ވަރަށް ބޮޑަށް ކުރިއަށް ޖެހި މާޒިޔާގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.

އިއްޔެ ކުޅުނު މިމެޗުގައި ޓީސީގެ ތިން ވަނަ ލަނޑު މެޗުގެ 67 ވަނަ މިނެޓްގައި ހަބޭސް އިއްބެ ދިން ބޯޅަ އަކުން ކާމިޔާބުކޮށްދިނީ އިބްރާހިމް ވަހީދު އެވެ.