English Edition
Dhivehi Edition

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ހަވީރު އީގަލްސް އާއި ޓީސީ ސްޕޯޓްސް ބައްދަލު ކުރި މެޗުގައި މިސީޒަންގައި ޓީސީ އާއި ގުޅުނު އިތުބާރު ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ކާމިޔާބު ކުރި ހަމަ އެކަނި ލަނޑުން މެޗު ކާމިޔާބުކޮށް ޓީސީ އެއްވަނަ އަށް ޖެހި ލައިފިއެވެ.

ލީގުގައި އިއްޔެ ހަވީރު ކުޅުނު ފޯރިގަދަ މިމެޗު ޓީސީއިން ކާމިޔާބުކޮށްފައިވަނީ 1-0 ލަނޑުންނެވެ.

އީގަލްސް މައްޗަށް ކުރި ހޯދައި ކުޅުނު ތިން މެޗު ކާމިޔާބުކޮށް ނުވަ ޕޮއިންޓާ އެކު ލީގުގެ އެއްވަނާގައި ޓީސީ އޮތް އިރު ދެ ވަނައިގައި އޮތް ނިއު ރޭޑިއަންޓާއި ތިން ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް ލިބިފައިވަނީ ވަނީ ހަތް ޕޮއިންޓްއެވެ.އަދި މެޗުން ބަލިވި އީގަލަސް އޮތީ ދެ ޕޮއިންޓާއި އެކު ލީގުގެ ހަވަނާގައެވެ.

އިއްޔެ ކުޅުނު މިމެޗުގައި ޓީސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ފުރަތަމަ ހާފްގައި ޓީސީގެ ކުރިއަތް ކުޅޭ ކުޅުންތެރިންގެ ފަރާތުން ވަނީ އީގަލްސްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލަން މަސައްކަތް ކޮށްފައެވެ.މިގޮތުން ޓީސީގެ ހަބޭސް އިއްބެ އާއި ސައްޓު ފޮނުވާލި ހަމަލާތަށް ފާހަގަ ކޮށްލެވެއެވެ.

މިމެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައި ނުވާއިރު މިމެޗުގެ ދެވަނަ ހާފްގައި ވެސް ޓީސީ ވަނީ މެޗު ކޮންޓުރޯލްކޮށް އީގަލްސްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލަން މަސައްކަތް ކޮށްފައެވެ.

މިމެޗުގައި ޓީސީގެ ހަމަ އެކަނި ލަނޑު ކާމިޔާބުކޮށްދީފައިވަނީ މިދިޔަ ސީޒަންގައި ނިއުރެޑިއަންޓްގެ މެނޭޖްމަންޓާއި ޖެހުނު މަސައްލަ އަކާއި ގުޅިގެން މިސީޒަންގައި ޓީސީ އާއި ގުޅުނު އަލީ އަޝްފާގް(ދަގަނޑޭ)އެވެ.