English Edition
Dhivehi Edition

ދުނިޔޭގެ އެތްވަނަ ކުލަބް ސްޕެއިންގެ ރިއާލްމެޑްރިޑް ދޫކޮށް އިޓަލީގެ ޔުވެންޓާސް އާއި ގުޅުނީ މުޅިން އާތަޖުރިބާ ތަކާކާއި ކުރިމަތިލާން ކަމަށް ރިއަލްމެޑްރިޑަށް ގިނަ ކާމިޔާބީ ތަކެއް ހޯދާއިދީފައިވާ ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ ބުނެފިއެވެ.

ސްޕެއިންގެ ރިއަލްމެޑްރިޑްގައި 9 އަހަރު ހޭދަކޮށް ރިއަލްމެޑްރިޑާއި އެކު ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ހޯދާފައިވާ ރޮނާލްޑޯ ބުނީ ރިއާލް އާއި އެކު ގިނަ ކާމިޔާބީ ތަކެއް ހޯދިފައިވާ ކަމަށާއި މިއީ ކުލަބް ދޫކޮށް އެހެން ލީގަކާއި ގުޅުން އެންމެ ރަނގަޅު ވަގުތު ކަމަށެވެ.

2009 ވަނަ އަހަރު އިނގިރޭސި ޕްރިމިއަ ލީގުގެ މެންޗެސްޓާ ޔުނައިޓެޑުން އޭރުގެ ރިކޯޑް އަގެއް ކަމުގައިވާ 85 މިލިއަން ޕައުންޑަށް ރެއާލް އާއި ގުޅުމަށްފަހު އުމުރުން 33 އަހަރުގެ ރޮނާލްޑޯ މި މަހުގެ 10 ވަނަ ދުވަހު ވަނީ 100 މިލިއަން ޕައުންޑުގެ އަގަކަށް ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އިޓަލީގެ ޔުވެންޓަސް އަށް ބަދަލުވެފައެވެ.

ޔުވެންޓަސްގެ ކުޅުންތެރިއެއްގެ ގޮތުގައި ރަސްމީކޮށް ދައްކާލުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ރޮނާލްޑޯ ބުނީ ރެއާލް ދޫކޮށްލަން ޖެހުމަކީ ކެރިއަރުގައި ނިންމަން ޖެހުނު އެންމެ އުނދަގޫ ނިންމުން ކަމަށާއި އެހެން ނަމަވެސް ޔުވެންޓަސް ފަދަ ބޮޑު ކްލަބަކަށް ބަދަލުވީ އާ ޗެލެންޖެއް ތަޖުރިބާ ކުރުމުގެ ބޭނުމުގައި ކަމަށެވެ.

ރޮނާލްޑޯ ބުނީ”އާއްމުގޮތެއްގައި އުމުރުން 30 އަހަރުން މަތި ވުމުން ހުރިހާ ކުޅުންތެރިން ބަދަލުވާނީ ގަތަރު ނޫނީ ޗައިނާ ލީގަށް ކަމަށާއި އެހެން ނަމަވެސް އޭނާ އެ އުމުރުގައި އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއަށް ބޮޑު އަގުގައި ބަދަލުވާން ޖެހުމުން އެކަމާ އުފާކުރާ”ކަމަށެވެ.

2009 ވަނަ އަހަރު މެންޗެސްޓަރ ޔުނައިޓެޑުން ރެއާލް އަށް ބަދަލުވި ރޮނާލްޑޯ އަކީ ރެއާލްމެޑްރިޑްގެ ތާރީހުގައި ވެސް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދީފައިވާ ކުޅުންތެރިޔާއެވެ. އެގޮތުން ރޮނާލްޑޯ ވަނީ ރެއާލް އަށް ކުޅެދިން 438 މެޗުގައި 451 ލަނޑު ކާމިޔާބުކޮށްދީ ރިއަލް އާއި އެކު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަތަރު ފަހަރު ހޯދާފައެވެ.

ރޮނާލްޑޯ އަކީ ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމު ފަސް ފަހަރެއްގެ މަތިން ހޯދާފައިވާ ކުޅުންތެރިއެކެވެ.ރޮނާލްޑޯ ފިޔަވާ ދެން މިއެވޯޑް އެންމެ ގިނައިން ކާމިޔާބުކޮށްފައިވަނީ އޭނާ އާއި އެންމެ ވާދަވެރި ބާސެލޯނާގެ ލިއޮނަލް މެސީއެވެ.