ރައީސް އަބްދުﷲ ޔާމީން އުޅުއްވަނީ ރައްޔިތުންގެ ވޯޓަކުން ކާމިޔާބު ހޯއްދަވަން ނޫން ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ވިދާޅުވެއްޖެއެވެ
އިންތިހާބުގައި ވޯޓުލުމަށް ރީރަޖިސްޓްރީވުމަށް އެމްޑީޕީގެ ހަރުގައަށް ވަޑައިގެން ނޫސްވެރިންނާއި ވާހަކަދައްކަމުން ވިދާޅުވީ ރައީސް ޔާމީން ނަތީޖާ ނެރުމަށް މަސައްކަތް ކުރައްވާތަން ފެންނަނީ ވޯޓު އޮޅުވާލުން ފަދަ ކަންކަމުގެ ތެރެއިން ކަމަށެވެ. އަދި ރައީސް ޔާމީންގެ ރޭވުމަކީ އިންތިހާބު ގަޑަބަޑަކޮށް ނަތީޖާ އޮޅުވާލުންކަމުގައި އިބޫވަނީ ތުހުމަތުކުރައްވާފައެވެ
މީގެ އިތުރުން އިބޫ ވިދާޅުވީ މިހާރު މިއޮތް އިލެކްޝަންސް ކޮމިޝަން އޮވެގެން މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ ކަމަށެވެ. އަދި އިބޫ ވަނީ އިންތިހާބު އޮޅުވާލުމަށް އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް ރައީސް ޔާމީން މަސައްކަތް ކުރައްވާކަމަށް ތުހުމަތުކުރައްވާފައެވެ
މީގެ އިތުރުން އިބޫވަނީ މިނިވަން އިންސާފުވެރި އިންތިހާބަކަށް މި އިންތިހާބު ހެދުމަށް ޕާޓީގެ ލީޑަރުން ހިދުމަތްކޮށްދެއްވުމަށް ގޮވާލާފައެެވެ