އޮންލައިން ވިޔަފާރިއަކީ މިހާރު އެންމެ ބާރަށް ކުރިއަރަމުންދާ ވިޔަފާރިއެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް އިޤްތިސާދު ކަމަށްވާ ޗައިނާ ކުރިއަރައިގެން ދާ އެންމެ ބޮޑު ސަބަބަކީ މިއީއެވެ. އެހެންނަމަވެސް ގިނަ ބައެއްގެ ފާޑު ކިޔުން އަބަދުވެސް މިވިޔަފާރިއަށް އޮވެއެވެ.
އެއްޗެއް ގަންނައިރު އެންމެ ގިނަ މީހުން ބަލާ އެއްކަމަކީ އެއެއްޗެއްގެ ކޮލިޓީ އެވެ. އެގޮތުން ފިހާރައަކުން އެއްޗެއް ގަންނައިރު އެޗެހީގައި އަތްލައި ލޮލުން ބެލުމަށްފަހު ގަތުމުން ކޮލިޓީ ޔަޤީންވެގެން ދެއެވެ. އެހެންނަމަވެސް އޮންލައިންކޮށް އެއްޗެއް ގަންނައިރު އެވިއްކާ މީހާ ލިޔެފައި އޮންނަ އެއްޗަކަށް ބަރޯސާ ވެވެއެވެ. އިޝްތިހާރު ކުރުމަށް ލާފައި ހުންނަ ފޮޓޯ އަށް ބަލައިގެން ގަނެވޭތަން އާދެއެވެ. އޭގެ ސަބަބުން ކޮލިޓީއާއި މެދު ސުވާލު އުފެދިގެން ދެއެވެ. މީގެ އިތުރުން ފިހާރައަކުން އެއްޗެއް ގަތުމަށްދާއިރު ރީތިކޮށް ޑިޒައިން ކުރެވިފައިވާ ފިހާރަތައް ފެނުމުން ހިތްހަމަ ޖެހުންލިބި އުފާވެރިކަން އިޙްސާސް ކުރެވެއެވެ. އެހެންނަމަވެސް ލެޕްޓޮޕް ނުވަތަ ފޯން އިން ބަލާވެލޭ ފޮޓޯގަނޑެއްގެ އެހީގައި ވިޔަފާރި ކުރުމުން މިދެންނެވި ހިތްހަމަ ޖެހުން ނުލިބޭނެއެވެ.
އެއްޗެއް ގަތުމުގެ ކުރިން އެއެއްޗަކީ ގަންނަމީހާއަށް ކަމުދާ އެއްޗެއްތޯ ބަލަންޖެއެވެ. އެގޮތުން ހެދުން ކަހަލަ އެއްޗެހި ގަންނަ އިރު ގަޔަށް ހެޔޮވަރުތޯ ނުބަލާ ގަނެފިނަމަ އެހެދުމެއް ބޭކާރު އެއްޗަކަށް ވެގެން ދެއެވެ. އެހެންނަމަވެސް މި އުފަލެއް އޮންލައިންކޮށް ކުރާ ވިޔަފާރިން ނުލިބެއެވެ. އޭގެ ސަބަބުން އަގުބޮޑުކޮށް ގަންނަ ބައެއް އެއްޗެހި ބޭކާރުވެގެން ދެއެވެ. މީގެ އިތުރުންވެސް ބޭކާރު ގޮތުގައި ގިނަ ފައިސާ ހޭދަކޮށްލެވެއެވެ. ފަސޭހަ ކަމާއި އެކު ވިޔަފާރި ކޮށްލެވުމާއި، އެކި އެކި ސޭލްތަކުން ތަކެތި ގަނެވުމުގެ ސަބަބުން އިސާހިތަކު ކަނޑައެޅިފައިވާ ބަޖެޓް ހުސްވެގެން ދެއެވެ.
އޮންލައިން ވިޔަފާރިއަކީ ޓެކްނޮލަޖީގެ އެހީގައި ކުރާ ކަމަކަށްވާއިރު، މަކަރު ހެދުމާއި އޮޅުވާލުން އޮވެއެވެ. އަދި ގަންނަ އެއްޗެހި ގެއްލޭގޮތް ވެސް ވެއެވެ. ހެކަރުން އަބަދުވެސް ތިބެނީ އެކަހަލަ ދަނޑިވަޅަކަށް ބަލަބަލައެވެ. އެހެންކަމުން މިގޮތަށް ކުރާ ވިޔަފާރިއަކީ އެންމެ ރައްކާތެރިކަމާއި އެކު ކުރެވޭ ވިޔަފާރިއަށް އޮންނަނީ ނުވެފައެވެ. އެހެންނަމަވެސް ގިނަ ކުންފުނިތަކުގެ ނަން ދެމެހެއްޓުމަށްޓަކައި މިގޮތަށް ގެއްލޭ ތަކެތީގެ ބަދަލު ދެއެވެ. އެހެންނަމަވެސް އެއީ ރައްކާތެރިކަން ކަށަވަރުވުމޭ ނުބުނެވޭނެއެވެ.
ކޮމްޕިއުޓަރ ކުރިމަތީގައި ހުރެގެން ކުރާ ވިޔަފާރިއަކީ ވަގުތު ސަލާމަތްވެގެން ދާ ކަމެއްކަމަށް ބައެއް މީހުން ބުނެއެވެ. އެހެންނަމަވެސް އެއީ ކުށްހީއެކެވެ. އޮންލައިން ވިޔަފާރި ސައިޓަކަށް ވަނުމުން ބޭނުން ވާއެއްޗެއްގެ ބަދަލުގައި ގިނަ އެއްޗެހި ބަލަން ޖެހެއެވެ. އަދި ތަފާތު އެކި ކަހަލަ އެއްޗެހި ބަލަންޖެހި އެތަކެތީގެ ތަފްސީލް ބަލައި ހެދުމަކީ އަގު ހުރި އެތައް ވަގުތެއް ގެއްލިގެން ދާ ކަމެކެވެ. އެހެންނަމަވެސް ބޭރުތެރެއަށް ނުކުމެ ފިހާރައިން އެއްޗެއް ގަތުމަކީ ވަގުތުގެ އިތުރުން ހިތްހަމަޖެހުމާއި، ސާފު ވައި ހަށިގަނޑަށް ލިއްބައިދޭ ކަމެކެވެ. މީގެ ސަބަބުން ސްޓްރެސް ނެތި މީހާ ހަމަޖެހިގެން ދެއެވެ.
ދިރިއުޅުން ފަސޭހަ ކުރުމަށްހިތާ އޮންލައިން ވިޔަފާރި ކުރުމަކީ ކުރެވޭ ބޭކާރު ކަމެކެވެ. އެއަށް ކުރަން ޖެހޭ ޙަރަދާއި، ހޭދަ ކުރާ ވަގުތާ ބަލާއިރު ލިބޭ ހިތްހަމަ ޖެހުން ކުޑަކަމަށް ފާހަގަކުރެވެއެވެ. ހަމައެކަނި ގޭގެ ސޯފާގައި އޮވެގެން ވިޔަފާރި ކޮށްލެވެއޭ ބުނުމުގެ ބޭނުމުގައި އޮންލައިން ވިޔަފާރި ކުރުމަކީ މޮޔަކަމެކެވެ.