ނޫސްވެރިކަމުގެ ދާއިރާއިން ކުރައްވަވަމުން ގެންދަވާ އަގުހުރި ޚިދުމަތްތައް ފާހަގަކޮށް ވިމެން އިން މެނޭޖްމަންޓުގެ ފަރާތުން ދޭ މީޑިއާ އެވޯޑު އޭއޯ ނިއުސްގެ ސީއީއޯ ޝިމްލާ އަޙްމަދަށް ދީފިއެވެ.
ވިމެންއިން މެނޭޖްމަންޓުގެ ފަރާތުން ދޭ ޕްރޮފެޝަނަލް ވުމަން އެންޑް ކެރިއަރ އެވޯޑްސްއަކީ އަވައްޓެރި ސްރިލަންކާގައި ދޭ އެންމެ ވާދަވެރި އެއް އެވޯޑެކެވެ. ޕްރޮފެޝަނަލް ވިމެން އެންޑް ކެރިއަރ އެވޯޑްސް މޯލްޑިވްސް 2018 ގެ ނަމުގައި ފުރަތަމަ ފަހަރަށް ރާއްޖޭގައި މި އެވޯޑް ދީފައިވަނީ ވިމެން އިން މެނޭޖްމެންޓް މޯލްޑިވްސްއިންނެވެ.
މުޖުތަމަޢުގެ ލާބަޔަށް މަސައްކަތްކޮށްފައިވާ އަންހެނުންނަށާއި، ޤައުމަށް ރީތިނަން ހޯދައިދީފައިވާ އަންހެނުންނަށް ދޭ މި އެވޯޑު، ޝިމްލާ އަށް ލިބިފައިވަނީ އަމިއްލަ އަށް އިސްނަގައިގެން މެދުނުކެނޑި ދިގު މުއްދަތަކަށް އަމިއްލަ ނޫހެއް ހިންގަމުންގެންދިއުމާއި އައްޑޫ ސިޓީގެ ގިނަ ޒުވާނުން ނޫސްވެރިކަމުގެ ދާއިރާއިން ތަމްރީނުކޮށް ދާއިރާއަށް ނެރެދިނުމަށް ކުރަމުން ގެންދާ މަސައްކަތުގެ އަގުވަޒަންކޮށްފައެވެ. އަދި ރާއްޖޭގައި އަންހެނަކަށް ހުރެ އަމިއްލަ ނޫހެއް ހިންގާ ހަމައެކަނި ފަރާތަކީ ޝިމްލާ ކަމަށް ވުމުންނެވެ.
ޝިމްލާއަކީ އޭއޯ ނިއުސްގެ އެޑިޓަރ ގެ އިތުރުން ނޫހުގެ ސީއީއޯވެސް މެއެވެ. “އައްޑޫ އޮންލައިން” ގެ ނަމުގައި އައްޑޫގައި އެންމެ ފުރަތަމަ ފެށި އޮންލައިން ނޫހުގެ ނަން “އޭއޯ ނިއުސް” އަށް ބަދަލުކޮށް ދިމާވާ ހުރިހާ ގޮންޖެހުމަކާ ކެރިގެން ކުރިމަތިލައި ހިތްވަރާއެކު ނޫސްވެރިކަމުގެ މަސައްކަތް ކުރަމުން ޝިމްލާ ގެންދާއިރު މި ނޫހުގެ 80 އިންސައްތަ މުވައްޒަފުންނަކީ އަންހެނުންނެވެ.
އޭއޯ ނިއުސްގެ ފަރާތުން ޚަބަރާއި މައުލޫމާތު ފެތުރުމުގެ އިތުރުން ތަފާތު އެކި މުބާރާތްތައް ބޭއްވުމާއި އައްޑޫގެ ސްކޫލްތަކުގެ ދަރިވަރުން މީޑިއާއަށް އަހުލުވެރިކުރުމުގެ ގޮތުން ކުރިއަށް ގެންދާ ސްކޫލް މީޑިއާ ޕްރޮގްރާމު ވެސް ފާހަގަކޮށްލެވެއެވެ.
ވިމެންއިން މެނޭޖްމަންޓުގެ ފަރާތުން ދޭ މި އެވޯޑު ތިން ދާއިރާއަކުން 26 ފަރާތަކަށް ވަނީ ދެއްވާފައެވެ. އެއީ މެރިޓް އެވޯޑާއި ރިކޮގްނިޝަން އެވޯޑުގެ އިތުރުން ގޯލްޑް އެވޯޑުގެ ކެޓަގަރީންނެވެ.
މިއެވޯޑް ލިބުނު ފަރާތްތަކުގެ މެދުގައި އިތުރު ކަންތައް ތަކަކަށް ބެލުމަށް ފަހު ނޮމިނޭޓްވާ 5 ފަރާތަކަށް ސްރީލަންކާގައި ބާއްވާ ޕްރޮފެޝަނަލް ވުމެން އެންޑް ކެރިއަރ އެވޯޑްސްގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ވުމަން އިން މެނޭޖްމެންޓް މޯލްޑިވްސްއިން ބުނެއެވެ.