English Edition
Dhivehi Edition

ވިޔަފާރީގެ ދާއިރާއިން ރާއްޖެއަށް ކޮށްދެއްވަވަމުން ގެންދަވާ އަގުހުރި ޚިދުަމަތްތައް ފާހަގަކޮށް ، ވިމެން އިން މެނޭޖްމަންޓުގެ ފަރާތުން “ބިޒްނަސް ރޯލް މޮޑެލް އޮފް ދަ ޔިއާ” ގެ އެވޯޑު ،ޑރ މަރިޔަމް ޝަކީލާއަށް އަރުވައިފިއެވެ.

މި އެވޯޑް ޑރ ޝަކީލާއަށް އަރުވާފައި ވަނީ ޕްރޮފެޝަނަލް ވުމަން އެންޑް ކެރިއާ އެވޯޑްސް ފުރަތަމަ ފަހަރަށް ރާއްޖޭގައި ދިނުމަށް ހޮޓެލް ޖެން ގައި މިދިޔަ އާދީއްތަދުވަހު ބޭއްވި ރަސްމިއްޔާތުގަ އެވެ.

ޕްރޮފެޝަނަލް ވުމަން އެންޑް ކެރިއަރ އެވޯޑްސްއަކީ އަވައްޓެރި ސްރިލަންކާގައި ދޭ އެންމެ ވާދަވެރި އެއް އެވޯޑެކެވެ. ޕްރޮފެޝަނަލް ވިމެން އެންޑް ކެރިއަރ އެވޯޑްސް މޯލްޑިވްސް 2018 ގެ ނަމުގައި ފުރަތަމަ ފަހަރަށް ރާއްޖޭގައި މި އެވޯޑް ދީފައިވަނީ ވިމެން އިން މެނޭޖްމެންޓް މޯލްޑިވްސްއިންނެވެ.

މިއެވޯޑަކީ މުޖުތަމަޢުގެ ލާބަޔަށް މަސައްކަތްކޮށްފައިވާ އަންހެނުންނަށާއި، ޤައުމަށް ރީތިނަން ހޯދައިދީފައިވާ އަންހެނުންނަށް ދޭ އެވޯޑެކެވެ.

ޑރ މަރިޔަމް ޝަކީލާ ވަނީ ފާއިތު ވި 30 އަހަރުގެ ތެރޭގައި ގައުމީ އަދި ބައިނަލް އަގުވާމީ ތަފާތު އެކި ދާއިރާތަކުގައި ވިޔަފާރީގެ ރޮނގުން ގިނަ މަސައްކަތްތަކެއް ކުރައްވަވާފައެވެ. ޕްރައިވެޓް ސެކްޓަރ ގެ އިތުރުން ޕަބްލިކް ސެކްޓަރ އާއި ސިޔާސީ ދާއިރާގައި މަސައްކަތް ކުރައްވަވާފައިވާ ޑރ މަރިޔަމް ޝަކީލާއަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ހެލްތު މިނިސްޓަރުކަމާއި، އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކުގެ ސަރުކާރުގައި އެންވަޔަރމެންޓް މިނިސްޓަރުކަމުގެ އިތުރުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އެންޑް ރައިޓްސް ގެ އެކްޓިން މިނިސްޓަރ ކަމުގެ އިތުރުން މިނިސްޓްރީ އޮފް ފޮރިން އެފެއާސް ގެ އެކްޓިން މިނިސްޓަރ ކަން ވެސް ޑރ ޝަކީލާ ވަނީ ކުރައްވަވާފައެވެ.

ރައީސް ނަޝީދުގެ ސަރުކާރު ބަދަލުވެ ޑރ ވަހީދުގެ ވެރިކަމުގައި ރާއްޖޭގެ ސިޔާސީ މަސްރަޙު އެންމެ ހަލަބޮލިވެ ހާސްވެ ކަންބޮޑުވެގެން ދިޔަ ވަގުތު ޑރ ވަޙީދުގެ ސަރުކާރުން ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރަށްބަދަލުވެ ބައިނަލް އަގުވާމީ ސަމާލުކަން އެންމެ ބޮޑަށް ރާއްޖެއަށް އޮތް ދުވަސްވަރު ފޮރިން މިނިސްޓްރީ އާއި ހަވާލުވެ ހުންނެވީވެސް ޑރ މަރިޔަމް ޝަކީލާއެވެ. މީގެ އިތުރުން ރާއްޖޭގެ ފަރާތުން ޔޫއެން ޖެނެރަލް އެސެމްބްލީގައި އެންމެ ފުރަތަމަ ތަގުރީރު ކުރެއްވެވި އަންހެން ކަނބަލަކީ ވެސް ޑރ ޝަކީލާއެވެ

ތަފާތު އެކިއެކި އެންޖީއޯސް ތަކުގައި ހީވާގި ކަމާއެކު އިސްސަފުގައި މިހާރުވެސް ހަރަކާތްތެރިވަމުން ވަޑައިގަންނަވާ ޑރ ޝަކީލާ ގެންދަވަނީ ތަފާތު އެކިގައުމުތަކުގެ އިންޓަނޭޝަނަލް ބޯޑް ތަކުގައި ވެސް މަސައްކަތް ކުރައްވަމުންނެވެ. ވަކިން ޚާއްޞަކޮށް ތައުލީމީ ދާއިރާގައި ބޭރުގައުމުތަކުގެ ޔުނިވަރސިޓީތަކާއެކު މަސައްކަތް ކުރައްވަވަމުން ގެންދަވާ ޑރ ޝަކީލާއަކީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވަރސިޓީގެ ދެ ބޯޑެއްގެ އިސް ސަފުގައި މަސައްކަތް ކުރައްވަވަމުން ގެންދަވާ ބޭފުޅެކެވެ.

ދުނިޔޭގެ ނަން މަޝްހޫރު ކާޓިން ޔުނިވަރސިޓީގެ ސްކޫލް އޮފް މެނޭޖްމަންޓް އެޑްވައިޒަރީ ބޯޑުގެ ބޯޑުމެމްބަރުކަން ވެސް ކުރައްވަވަމުން ގެންދަވާ ޑރ ޝަކީލާ ވަނީ ދާދިފަހުން އެ ޔުނވަރސިޓީގެ އެގްޒެކްޓިވް އެޑިޔުކޭޝަން އެންޑް އެމްބީއޭގެ ބޯޑު މެމްބަރ އަކަށް ވެސް ހޮވިވަޑައިގެންފައެވެ.

ޑރ ޝަކީލާ ފާހަގަކޮށްލެވެނީ އައްޑޫސިޓީ އަދި ޖުމުލަކޮށް މުޅި ރާއްޖޭގެ އަންހެނުންނަށް ތަފާތު އެކި ރޮނގުރޮނގުން ކުރިއެރުން ހޯދައިދީ އިގްތިސާދީ ގޮތުން ބާރުވެރިބަޔަކަށް ހެދުމުގެ މަސައްކަތް ކުރައްވަވާ، އަންހެނުންނަކީ މުޖުތަމައުގައި ގާބިލް ބަޔަކަށް ހެދުމުގެ މަސައްކަތް ކުރައްވަވާ ހީވާގި ކަނބަލެއްގެ ގޮތުގައެވެ. ހަމަ މިއާއެކު ރާއްޖޭގެ އެންމެ މަޝްހޫރު އެއް ކުންފުނި ކަމަށްވާ ސިމްޑީ ގުރޫޕަކީ ޑރ ޝަކީލާގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. އެކުންފުނީގެ ސީއީއޯގެ ގޮތުގައި ހުންނަވައިގެން ވިޔަފާރި ކުރިއެރުވުމަށް ތަފާތު ގިނަ މަސައްކަތްތައް ޑރ ޝަކީލާ ގެންދަވަނީ ކުރައްވަވަމުންނެވެ.

މީގެ އިތުރުން ޑރ. ޝަކީލާ ގެންދަވަނީ އިންސްޓިޓިއުޓް ފޯރ ކައުންސެލިންގް އެންޑް ސައިކޯތެރަޕީ (އައިސީޕީ)، އައްޑޫ ސިޓީގައި ހުންނަ އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރ (އައިއެމްޑީސީ)ގެ ޗެއާޕާސަންކަމުގެ އިތުރުން، އައްޑޫ ވިމެންސް އެސޯސިއޭޝަން (އަވާ)ގެ ވެސް ޗެއާޕާސަންކަން ކުރައްވަމުންނެވެ.