އަންހެނުން ބާރުވެރިކުރެއްވުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކޮށް އެކަމަނާއަށް ވުމަން އޮފް ދައިޔާ އެވޯޑް އަރުވާފައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް އެ އެވޯޑް އަރުވާފައި ވަނީ ޕްރޮފެޝަނަލް ވުމަން އެންޑް ކެރިއާ އެވޯޑްސް ފުރަތަމަ ފަހަރަށް ރާއްޖޭގައި ދިނުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.
ޕްރޮފެޝަނަލް ވުމަން އެންޑް ކެރިއަރ އެވޯޑްސްއަކީ އަވައްޓެރި ސްރިލަންކާގައި ދޭ އެންމެ ވާދަވެރި އެއް އެވޯޑެކެވެ. ޕްރޮފެޝަނަލް ވިމެން އެންޑް ކެރިއަރ އެވޯޑްސް މޯލްޑިވްސް 2018 ގެ ނަމުގައި ފުރަތަމަ ފަހަރަށް ރާއްޖޭގައި މި އެވޯޑް ދީފައިވަނީ ވިމެން އިން މެނޭޖްމެންޓް މޯލްޑިވްސްއިންނެވެ.
މިއެވޯޑަކީ މުޖުތަމަޢުގެ ލާބަޔަށް މަސައްކަތްކޮށްފައިވާ އަންހެނުންނަށާއި، ޤައުމަށް ރީތިނަން ހޯދައިދީފައިވާ އަންހެނުންނަށް ދޭ އެވޯޑެކެވެ. އެކި ދާއިރާތަކުން މިއެވޯޑް ޙާސިލްކޮށްފައިވާ މީހުންނަށް އެވޯޑް ޙަވާލުކުރީ ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ޙަފްލާއެއްގައެވެ. ރާއްޖެއަށް އަލަށް ތަޢާރަފްކޮށްފައިވާ މިއެވޯޑް ދީފައިވަނީ ތިން ދާއިރާއަކުންނެވެ. އެއީ މެރިޓް އެވޯޑާއި ރިކޮގްނިޝަން އެވޯޑާއި ގޯލްޑް އެވޯޑެވެ.
މިއެވޯޑް ލިބުނު ފަރާތްތަކުގެ މެދުގައި އިތުރު ކަންތައް ތަކަކަށް ބެލުމަށް ފަހު ނޮމިނޭޓްވާ 5 ފަރާތަކަށް ސްރީލަންކާގައި ބާއްވާ ޕްރޮފެޝަނަލް ވުމެން އެންޑް ކެރިއަރ އެވޯޑްސްގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ވުމަން އިން މެނޭޖްމެންޓް މޯލްޑިވްސްއިން ބުނެއެވެ.