English Edition
Dhivehi Edition

އަފްޣާނިސްތާނުގެ ހީރަތު ޕްރޮވިންސްގެ ޝިއައީންގެ މިސްކިތަކަށް ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި 29 މީހުން މަރާލައިފިއެވެ. ހީރަތު ޕްރޮވިންސްގެ ގަވަރުނަރު މުހައްމަދު އާސިފް ރަހީމީ ވިދާޅުވެފައިވަނީ މިއަދު އެރަށުގެ މިސްކިތަށް ދިންޖާނުން ފިދާވުމުގެ ހަމަލާގައި މަދުވެގެން މިހާތަނަށް 29 މީހުން މަރުވެ، 64 މީހުންނަށް އަނިޔާ ވެފައިވާ ކަމަށެވެ. މި ހަމަލާ ދީފައިވަނީ އެ ޕްރޮވިންސްގެ ތާރިޚީ މިސްކިތެއް ކަމަށްވާ ޖަމާ މަސްޖިދު އަށެވެ. މި ހަމަލާއާ ބެހޭގޮތުން ހީރަތު ޕްރޮވިންސްގެ ފުލުހުންގެ ފަރާތުން ވާހަކަ ދެއްކެވި އަބްދުލްހައި ވަލިޒާދާ ވިދާޅުވެފައިވަނީ އެ ހަމަލާގައި ދެމީހަކު ބައިވެރިވި ކަމަށް މަންޒަރުދުށް މީހުން ބުނެފައިވާ ކަމަށެވެ. އޭގެ ތެރެއިން އެކަކު އަތުބޮން އުކީ ކަމަށާއި ޖާނުން ފިދާވުމުގެ ހަމަލާދިނީ ދެވަނަ މީހާކަށްވެސް މަންޒަރުދުށް މީހުން ބުނިކަމަށް ފުލުހުން ވިދާޅުވިއެވެ. މިހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އަދި އުފުލާފައެއްނުވެއެވެ. ތާލިބާނުން ބުނެފައިވަނީ އެމީހުންގެ އެއްވެސް ހިއްސާއެއް އެހަމަލާގައި ނުވާކަމަށެވެ. އަފްޣާނިސްތާނުގެ ރައީސްވަނީ މިހަމަލާ ވަރަށް ބޮޑަށް ކުއްވެރިކުރައްވައިފައެވެ. މި ފަދަ ކަންކަމާ ދެކޮޅަށް އަޑު އުފުއްލެވުމަށް އެމަނިކުފާނު ވަނީ ދަންނަ ބޭކަލުންނަށް ގޮވައިލައްވައިފައެވެ. ފަހަކަށްއައިސް އަފްޣާނިސްތާނުގައި ބޮމުގެ ހަމަލާތައް އިތުރުވެފައިވާތީ އެގައުމުގެ ރައީސް އަޝްރަފް ޣަނީގެ ސަރުކާރަށްވަނީ ބޮޑެތި ފާޑު ކިއުންތައް ކުރިމަތި ވެފައެވެ.