މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށަށް ދިޔައީ ޓެސްޓްކުރެވޭ ވަރު މަދުވުމުން ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.
އެގޮތުން، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އަފްޣާނިސްތާނުން ޕޮޒިޓިވްވި 72 މީހުންނާއެކު، އެ ގައުމުން މިހާތަނަށް ބަލިޖެހުނު މީހުންގެ އަދަދު ވަނީ 35,301 އަށް އަރާފައެވެ. އަދި އެ ގައުމުން މި ބަލީގައި މަރުވި މީހުންގެ އަދަދަކީ 1،164 އެވެ.
އެ ގައުމުގެ އެންމެ ހާލަތު ގޯސްކޮށް އުޅޭ ވެރިރަށް ކާބުލް އިން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް 50 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެ، 17 މީހުން މަރުވެފައިވެއެވެ.
އަފްޣާނިސްތާނުން ބަލިޖެހުނު މީހުންގެ ތެރެއިން 23،273 މީހުން މިހާތަނަށް ރަނގަޅުވެފައިވާއިރު، މިވަގުތު ބަލިޖެހިފައި ތިބި މީހުންގެ އަދަދަކީ 10,864 އެވެ.
މިހާރު އެންމެ ހާލަތު ގޯސްކޮށް އުޅޭ އެމެރިކާ އިން 3,79 މިލިއަން މީހުން ޕޮޒިޓިވްވެ، 142,445 މީހުން ވަނީ މަރުވެފައެވެ. ދެން އެންމެ ހާލަތު ގޯސްކޮށް އުޅޭ ބްރެޒިލުން 2,05 މިލިއަން މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، މަރުވި މީހުންގެ އަދަދަކީ 78,097 އެވެ. މީގެއިތުރުން، ދެކުނު އޭޝިޔާ އަށް ނިސްބަތްވާ ދުނިޔޭގެ ދެވަނަ އަށް އެންމެ ބޮޑު އާބާދީއެއް އޮތް އިންޑިއާ އިން ވެސް މިލިއަނަކަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ، 26 ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
މުޅި ދުނިޔޭން 14.2 މިލިއަން މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، މަރުވި މީހުންގެ އަދަދަކީ 601,260 އެވެ. އަދި މި ބަލީގައި މުޅީން ރަނގަޅުވި މީހުންގެ އަދަދު ވަނީ 8.5 މިލިއަނަށް އަރާފައެވެ.