ޕާކިސްތާނުގެ ހެލްތު މިނިސްޓަރު ޑރ. ޒަފަރް މިރްޒާ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެއެވެ.
އެގޮތުން، އެ ގައުމުގައި ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ބޮޑުވަޒީރު އިމްރާން ޚާން ތައްޔާރުކޮށްފައިވާ ޓާސްކް ފޯހުގައި އެންމެ އިސްކޮށް އުޅުއްވާ ޑރ. މިރްޒާގެ ކިބައިން މިހާތަނަށް ފެނިފައި ވަނީ ކޮރޯނާވައިރަހުގެ ވަރަށް އާދައިގެ އަލާމާތްތަކެކެވެ. އެހެންނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިހާރު ހުންނެވީ އެހެން މީހުންނާ އެކަހެރިވެވަޑައިގެން ކަމަށް ވެސް އެ މަނިކުފާނު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ. އަދި މިކަމުން އަވަސް ޝިފާއެއް ލިބުމަށް އެދި ދުއާ ދެންނެވުމަށްވެސް ޑރ.މިރްޒާވަނީ ވިދާުވެފައެވެ.
“ކޮރޯނާވައިރަހަށް ހެދި ޓެސްޓުގެ ނަތީޖާ ވަނީ ޕޮޒިޓިވްވެފައި. އެކަމަކު މިހާތަނަށް ފެނިފައިވަނީ ވަރަށް އާދައިގެ އަލާމާތްތަކެއް.”
“އެހެންނަމަވެސް، ސިއްހީ މާހިރުންގެ އެދުމުގެ މަތީން މިހާރު މިހުންނެވީ އެހެން މީހުންނާ އެކަހެރިވެގެން. މި ބަލިން އަވަސް ޝިފާއެއް ލިބުމަށް އެދި ހުރިހާ އެންމެން ދުއާ ކޮށްދެއްވާ.” ޑރ. މިރްޒާ ކުރެއްވި ޓުވީޓެއްގައިވެއެވެ.
ޑރ. މިރްޒާގެ އިތުރުން އެ ގައުމުގެ ފޮރިން މިނިސްޓަރު ޝާހް މަހްމޫދު ޤުރައިޝީ ވެސް ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާކަން މިދިޔަ ހުކުރު ދުވަހު ހާމަކޮށްފައެވެ. މަހްމޫދު ޤުރައިޝީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިމިވަނީ އެމެރިކާ އިން އަފްޣާނިސްތާނަށް ކަނޑައަޅާފައި ހުންނަ ސްޕެޝަލް އެންވޯއީ ޒަލްމާއި ޚަލީލްޒާދުއާ ބައްދަލުކުރެއްވިތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ.
މިހާރު މުޅި ދުނިޔެއަށް ފެތުރިފައިވާ ބަލާއާފާތެއްގެ ގޮތުގައި ޑަބްލިއުއެޗްއޯ އިން ސިފަކުރާ ކޮވިޑް-19 އަށް ޕާކިސްތާނުން ވެސް މިހާތަނަށް 231،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާކަން އެ ގައުމުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާއިރު، އިއްޔެ އެކަނިވެސް 3،344 މީހުން ޕޮޒިޓިވްވެފައިވެއެވެ. އަދި އެ ގައުމުން މިހާތަނަށްއައިއިރު ގާތްގަނޑަކަށް 4،762 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.
<327> I have tested positive for COVID-19. Under med advice I have isolated myself at home & taking all precautions. I have mild symptoms. Please keep me in your kind prayers. Colleagues, keep up the good work! You are making a big difference & I am proud of you.
— Zafar Mirza (@zfrmrza) July 6, 2020